މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސަޢުދީ އަރަބިއްޔާއަށް ފުރި ހުރިހާ ޙައްޖާޖީން ފުރުވާލުމުގެ މަސައްކަތް، މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަރަށް ފުރިހަމަކަމާއެކު ނިންމާލައިފިއެވެ.
އެމްއޭސީއެލްއިން ހާމަކުރި ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޙައްޖުވެރިން ފުރުވާލުމުގެ ކަންކަން އެހާ އޮމާންކޮށް ކުރިއަށް ދިޔައީ، އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ އިތުރުން ކަމާގުޅޭ އެހެނިހެން އިދާރާތަކާ ގުޅިގެން ކުރެވުނު މޮޅު އިންތިޒާމުތަކުގެ ސަބަބުންނެވެ. މިގޮތުން، އެ ކުންފުނީގެ މެނޭޖްމަންޓާއި، ޕެސެންޖަރ ސަރވިސަސް، ޓާމިނަލް ސަރވިސަސް އަދި އެސްޓޭޓް ސެކިއުރިޓީ ސަރވިސަސް ފަދަ އެކި ޑިޕާޓްމަންޓުތަކުގެ މުވައްޒަފުން ގުޅިގެން ވަނީ ޙައްޖުވެރިންނަށް ޚާއްޞަ ގިނަ އިންތިޒާމުތަކެއް ހަމަޖައްސައިދީފައެވެ.
މި އިންތިޒާމުތަކުގެ ތެރޭގައި، ވޯޓަރ ފްރަންޓު އިމާރާތުގައި ޙައްޖާޖީންނަށް ހުކުރު ނަމާދު ކުރެވޭނެ ގޮތް ފަހިކޮށްދިނުމާއި، ކުރީގެ ޑޮމެސްޓިކް ޓާމިނަލްގައި ޙައްޖުވެރިންނާއި އެމީހުންގެ އާއިލާތަކަށް ފަސޭހަކަމާއެކު މަޑުކޮށްލައިގެން ތިބެވޭނެ މާޙައުލެއް ޤާއިމުކުރުން ހިމެނެއެވެ. މީގެ އިތުރުން، ޙައްޖުވެރިންނަށް ބޭނުންވާނެ ބޯފެން ފޯރުކޮށްދިނުމާއި، ވުޟޫކުރުމަށް ފަސޭހަ އިންތިޒާމުތަކެއްވެސް އެމްއޭސީއެލްއިން ވަނީ ހަމަޖައްސައިދީފައެވެ.
ކޮމެންޓު ފޮނުވާ