މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރަން ހަމަޖެހިފައިވާ ހައްޖުވެރިންގެ ފަހު ފްލައިޓް މިއަދު ހެނދުނު ސައުދީ އަރަބިއްޔާއަށް ފުރައިފިއެވެ.
މިއަދު ހެނދުނު 9:45 ގައި ފުރި މި ފްލައިޓުގައި 253 ހައްޖުވެރިން ވަނީ ދަތުރުފަށާފައެވެ. މިއާއެކު، މިއަހަރު ރާއްޖެއިން ހައްޖަށްދާ ހުރިހާ އެންމެން ފުރައި ނިމުނީއެވެ. މިއަހަރުގެ ހައްޖުވެރިން ސައުދީއަށް ގެންގޮސްފައިވަނީ ޖުމްލަ ހަތަރު ފްލައިޓެއްގައެވެ. އެއީ ސައުދީ އެއާލައިންސްގެ ދެ ފްލައިޓަކާއި ގައުމީ އެއާލައިން، މޯލްޑިވިއަންގެ ދެ ފްލައިޓެއްގައެވެ.
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން މައުލޫމާތު ދޭގޮތުގައި، މީގެ ކުރިން ފުރި ހުރިހާ ހައްޖުވެރިން މިހާރު ވަނީ އުމްރާގެ އަޅުކަން ފުރިހަމަކޮށްފައެވެ. އަދި މިއަދު ފުރި ހައްޖުވެރިންވެސް މިއަދު ހަވީރުގެ ވަގުތެއްގައި އުމްރާގެ ކަންކަން ނިންމާލާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. މިއަހަރުވެސް ހައްޖުވެރިން ފުރާފައިވަނީ "މައްކާ ރޫޓް އިނީޝިއޭޓިވް" ގެ ދަށުންނެވެ. މި އިންތިޒާމުގެ ސަބަބުން، ހައްޖުވެރިންގެ އިމިގްރޭޝަން އަދި ޗެކިންގެ ހުރިހާ ކަމެއް ރާއްޖޭގައި ހަމަޖެހި، ޖިއްދާ އެއާޕޯޓުގައި ގިނައިރު މަޑުކުރަން ނުޖެހި ފަސޭހަކަމާއެކު މައްކާއަށް ދިއުމުގެ މަގު ވަނީ ފަހިވެފައެވެ.
ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފަހަކަށް އައިސް ކޮންމެ އަހަރަކުވެސް ރާއްޖެއަށް ލިބެނީ 1000 ހައްޖު ކޯޓާއެވެ. މި ކޯޓާގެ ދަށުން ހައްޖަށް ފޮނުވާ މީހުން ކަނޑައަޅަނީ، ހައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ކިޔު ތަރުތީބަށް ބަލައިގެން ސަރުކާރުންނެވެ.
ކޮމެންޓު ފޮނުވާ