ކްރިމިނަލް ކޯޓުގެ އަމުރަކާ ހިލާފުވިކަމަށް ބުނެ ޖަލަށްލާފައިވާ "އަދަދު" ނޫހުގެ ދެ ނޫސްވެރިންނާ މެދު ކަރެކްޝަނުން އަމަލުކުރަމުންދާ ގޮތުގެ މައްސަލައެއް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ތަހުގީގުކުރަން ނިންމައިފި އެވެ.
އެ ކޮމިޝަނުން މައުލޫމާތު ދިން ގޮތުގައި، ޖަލުގައި ތިބި ނޫސްވެރިޔާ މުހައްމަދު ޝަހުޒާނާއި ލީވާން އަލީ ނާސިރުގެ އިތުރުން، އެ މީހުން ދޫކޮށްލުމަށް ގޮވާލައި ކުރި މުޒާހަރާތަކުން ހައްޔަރުކުރި މީހުންނާ ވެސް އެ ކޮމިޝަނުގެ ޓީމަކުން ވަނީ ބައްދަލުކޮށްފަ އެވެ. އަދި އެ ބައްދަލުވުންތަކުގައި އެ ފަރާތްތަކުން ފާހަގަކުރި ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، އިތުރަށް ބަލަންޖެހޭ ކަންކަން ތަހުގީގުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.
ނޫސްވެރިންގެ ގާނޫނީ ޓީމުން ބުނާ ގޮތުގައި، މާފުށީ ޖަލުގެ ޔުނިޓް 12 ގައި ކުރިން ތިބި ނަމަވެސް، ލީވާން މިހާރު ވަނީ އެކަނި އިންނަންޖެހޭ ގޮތަށް ޔުނިޓް 10 ގެ ގޮޅިއަކަށް ބަދަލުކޮށްފަ އެވެ. އެއީ މަރުގެ މައްސަލަތަކުގެ ތުހުމަތު އޮންނަ މީހުން ބައިތިއްބާ ގޮޅިތަކާ ޖެހިގެން ހުރި ތަނެއްކަމަށާއި، އޭނާގެ ހަމުގެ ބައްޔަކަށް ބޭނުންކުރާ ހާއްސަ ލޯޝަނެއް އާއިލާއިން ފޮނުވުމުން ވެސް ކަރެކްޝަނުން އެ ފޯރުކޮށްދީފައި ނުވާކަމަށް ވަކީލުން ވަނީ ފާހަގަކޮށްފަ އެވެ. އެހެންކަމުން ސިއްހީ ފަރުވާއަށް ހުރަސްއަޅަމުންދާ ކަމަށް އާއިލާއިންނާއި ވަކީލުން ތުހުމަތުކުރެ އެވެ.
ނަމަވެސް މި ތުހުމަތުތައް ދޮގުކުރަމުން ކަރެކްޝަނުން ބުނީ، ދެ ނޫސްވެރިންގެ މެޑިކަލް އެސެސްމަންޓް ހަދާފައިވާ ކަމަށާއި، އޭގެ ފަހުން އިތުރު ފަރުވާއަކަށް ލީވާން އެދިފައި ނުވާ ކަމަށެވެ. އަދި އޭނާ ހުރީ އެކަހެރި ގޮޅިއެއްގައި ނޫން ކަމަށާއި، ގޮޅި ބަދަލުކުރުމަކީ އެތެރޭގެ އިންތިޒާމުތަކުގެ ތެރެއިން އިދާރީ ގޮތުން ނިންމި ނިންމުމެއް ކަމަށް ވެސް ކަރެކްޝަނުން ވަނީ ބުނެފަ އެވެ.
ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރާ ހިލާފުވެ ކޯޓުގެ ހުރުމަތް ކަނޑާފައިވާ ކަމަށް ކަނޑައަޅައި، ޝަހުޒާން 15 ދުވަހަށް އަދި ލީވާން 10 ދުވަހަށް ޖަލަށްލީ "އަދަދު" ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީއަކާ ގުޅިގެންނެވެ. އެ ޑޮކިއުމެންޓްރީއާ ގުޅޭ ސުވާލެއް ކުރުމުން ޝަހުޒާނަށް ހުކުމް އައިއިރު، ލީވާނަށް ހުކުމް އައީ އެ އަމުރާ ގުޅޭ ހަބަރެއް ލިޔުނު ގޮތުންނެވެ. މި ދެ ނޫސްވެރިންގެ ހުކުމް މިހާރު ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު، އެ މީހުން މިނިވަންކުރުމަށް ގޮވާލައި ބައިނަލްއަގުވާމީ ޖަމިއްޔާތަކުންނާއި އާންމުން މާލޭގައި ދަނީ އަޑުއުފުލަމުންނެވެ.
ކޮމެންޓު ފޮނުވާ