ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އަނބުރާ އިޔާދަކުރުމަށްޓަކައި ކުރީގެ ތިން ރައީސުން ގުޅިގެން އުފެއްދެވި މަންދޫބުންގެ ކޮމިޓީގެ ފުރަތަމަ މަޝްވަރާ ބައްދަލުވުން ކާމިޔާބުކަމާއެކު ބާއްވައިފިއެވެ.
މަންހަޓަން ބިޒްނަސް ހޮޓެލްގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ކަނޑައަޅުއްވާފައިވާ މަންދޫބުންނެވެ. ބައްދަލުވުމަށްފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން، ރައީސް ނަޝީދުގެ މަންދޫބެއްގެ ގޮތުގައި ހުންނެވި ފައްޔާޒު އިސްމާއީލް ވިދާޅުވީ، ގައުމުގެ މިސްރާބު ރަނގަޅުކުރުމަށް އިދިކޮޅު ފަރާތްތައް ގުޅިގެން ހަރުދަނާ މަސައްކަތްތަކެއް ކުރެވޭނެކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ކުރިއަށް އޮތް ތަނުގައި ގުޅިގެން ހަރަކާތްތައް ރާވައި ކުރިއަށް ގެންދާނެ ގޮތްތަކާ ގުޅޭގޮތުންނެވެ. އެގޮތުން، ހަރަކާތްތަކުގެ ތަފްސީލުތައް ދުވަހުން ދުވަހަށް މީޑިއާތަކަށް ފޯރުކޮށްދެވޭނެ އަވަސް އިންތިޒާމެއް ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު ހިއްސާކުރުމަށް މި ހަފްތާގެ ތެރޭގައި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް މިހާރު ވަނީ ތާވަލުކޮށްފައެވެ.
ކޮމެންޓު ފޮނުވާ