މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރި ފުރަތަމަ ގްރޫޕުގެ ޙާޖީން ސަޢުދީ އަރަބިއްޔާއަށް ގޮސް، ޢުމްރާގެ އަޅުކަން ފަށައިފިއެވެ. ހުރިހާ ޙާޖީންގެ ޙާލުވެސް ރަނގަޅުކަމަށާއި، އެއަރޕޯޓުންނާއި ހޮޓަލުންވެސް ޙާޖީންނަށް ހޫނު މަރުޙަބާއެއް ކިޔާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.
މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން، ޖިއްދާ އެއަރޕޯޓުގައި މަޑުކުރަން ނުޖެހި ޙާޖީން ވަނީ ސީދާ ބަހަށް އަރައިގެން ހޮޓަލަށް ގޮސްފައެވެ. އެއަރޕޯޓުން ޙާޖީންނަށް މަރުޙަބާ ވިދާޅުވީ ދިވެހިރާއްޖެއިން ސަޢުދީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަޙުމަދު ސަރީރުއާއި ޙައްޖު މިޝަންގެ ރައީސް އައްޝައިޚް އިމްތިޠާއު ޢައްބާސްއެވެ.
ހޮޓަލަށް ދިއުމާއެކު ޙާޖީންނަށް ވަނީ ވަރަށް ކުލަގަދަ މަރުޙަބާއެއް ކިޔާފައެވެ. އެގޮތުން ކޮންމެ ޙާޖީއަކަށް ހަދިޔާއެއް ދިނުމުގެ އިތުރުން، ކޭކު ފެޅުމާއި ތަފާތު ފޮނިކާތަކެއްޗާއި ބުއިންތަކާއެކު ލޮބީގައި ޚާއްޞަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔައެވެ. އަދި ދިވެހި ރަހަތައް ހިމެނޭހެން ކެއިންބުއިމުގެ އިންތިޒާމުތައް ވަރަށް ފުރިހަމައަށް ހަމަޖައްސައި، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކޮޓަރިތަކަށް ލަގެޖުތައްވެސް ވަނީ ފޯރުކޮށްދީފައެވެ. މީގެ އިތުރުން ޙަރަމަށް ދިއުމުގެ ކުރިން ކޮންމެ ޙާޖީއަކަށްމެ ސިމް ކާޑު ލިބޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާދީފައެވެ.
އަރާމުކޮށްލުމަށް ކުޑަ ވަގުތުކޮޅެއް ދިނުމަށްފަހު، ޙައްޖު ކޯޕަރޭޝަނުގެ އެހީތެރިންނާއެކު ޙާޖީން މިހާރު ދަނީ ޙަރަމްފުޅުގައި ޢުމްރާގެ އަޅުކަން އަދާކުރަމުންނެވެ. ޢުމްރާއަށް ފުރުމުގެ ކުރިން ދީނީ އިރުޝާދު ފޯރުކޮށްދީފައިވާއިރު، އެތައް ލައްކަ ބަޔަކު މައްކާގައި އުޅެމުންދާތީ ބައިބޯކަމާއެކުވެސް މެންދުރުވާއިރަށް ޢުމްރާ ފުރިހަމަކޮށް ހޮޓަލަށް އެނބުރި އާދެވޭނެކަމަށް ބެލެވެއެވެ. ރާއްޖެއިން ޙައްޖަށްދާ ދެވަނަ ގްރޫޕު ސަޢުދީއަށް ދިއުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުއެވެ.
ކޮމެންޓު ފޮނުވާ