އެމްޑީޕީގެ ޗެއާޕާސަނަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވޭ ގޮތް ހަދާނަން: މީކާއީލް

އެމްޑީޕީގެ ޗެއާޕާސަނަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވޭ ގޮތް ހަދާނަން: މީކާއީލް

Author
އަހުމަދު
15 މެއި 2026 10:58
0

އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް އިންތިޚާބުވެއްޖެނަމަ، އެ މަޤާމުގައި ހުންނަ ބޭފުޅަކަށް ކުރިއަށް އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވޭނެ ގޮތަށް ޕާޓީގެ އުސޫލުތައް އިސްލާޙުކުރައްވާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މީކާއީލް މިހެން ވިދާޅުވީ އޭނާގެ ކެމްޕެއިން ޓީމުން ބޭއްވި "އިތުބާރު މާލެސިޓީ" ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ޗެއާޕާސަން ކަމަށް ކުރިމަތިލެއްވީ ވެރިކަމަށް ވަޑައިގަތުމުގެ ބޭނުމުގައި ނޫން ކަމަށާއި، މައިގަނޑު އަމާޒަކީ އެތެރޭގެ ކަންކަން އިސްލާޙުކޮށް، ޕާޓީ ހަރުދަނާކޮށް އާންމު މެންބަރުންނަށް ބާރުވެރިކަން ހޯދައިދިނުން ކަމަށެވެ. އަދި އޭނާގެ ޗެއާޕާސަން ކަމެއްގައި އެމްޑީޕީއަކީ މާލީ ގޮތުން ފުދުންތެރި، ދެފުށް ފެންނަ ޕާޓީއަކަށް ހައްދަވާނެ ކަމަށް ވަނީ ވަޢުދުވެވަޑައިގެންފައެވެ.

ޕާޓީ އިސްލާޙުކުރުމަށް ގިނަ ކަންތައްތަކެއް ރާއްވަވާފައިވާއިރު، އޭގެ ތެރޭގައި ޕާޓީއަށް ލިބޭ ފައިސާ ޚަރަދުކުރާ ގޮތުގެ ތަފްސީލު ކޮންމެ މަހަކު އާންމު މެންބަރުންނަށް ހާމަކުރުން ހިމެނެއެވެ. މީގެ އިތުރުން ދައުލަތުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އަމިއްލަ ފައިމައްޗަށް ތެދުވުމުގެ އޮނިގަނޑެއް އެކުލަވާލުމާއި، ކުއްޔަށް އުޅުން ނިމުމަކަށް ގެނެސް މާލޭގައި ޕާޓީގެ ދާއިމީ މައި މަރުކަޒެއް ޤާއިމުކުރުން ހިމެނޭކަމަށް މީކާއީލް ފާހަގަކުރެއްވިއެވެ.

ކުރިއަށް އޮތް ތަނުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ޕާޓީގެ ތެރެއިން އައު ސިޔާސީ ލީޑަރުން ބިނާކުރުމަށް ކަމަށް މީކާއީލް ވިދާޅުވިއެވެ. އެގޮތުން ދައުލަތުން ޕާޓީއަށް ލިބޭ ފައިސާގެ ވަކި އިންސައްތައެއް ޒުވާނުންގެ ހިތްވަރާއި އަންހެނުންގެ ރޫޙާ ޙިއްސާކުރައްވާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.