މިއަހަރުގެ ފުރަތަމަ ޙައްޖުވެރިން މާދަމާ ފުރަނީ: އެއަރޕޯޓަށް ދިއުމަށް ޚާއްޞަ ބަހުގެ ޚިދުމަތްތަކެއް

މިއަހަރުގެ ފުރަތަމަ ޙައްޖުވެރިން މާދަމާ ފުރަނީ: އެއަރޕޯޓަށް ދިއުމަށް ޚާއްޞަ ބަހުގެ ޚިދުމަތްތަކެއް

Author
އަހުމަދު
14 މެއި 2026 08:59
0

މިއަހަރުގެ ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު މާދަމާ ފުރުމަށް ހަމަޖެހިފައިވާއިރު، އެ ފަރާތްތަކަށާއި އެހީތެރިންނަށް ފަސޭހަކަމާއެކު އެއަރޕޯޓަށް ދެވޭނެ އިންތިޒާމު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހަމަޖައްސައިފިއެވެ.

ކަމާގުޅޭ އިދާރާތަކާ ގުޅިގެން އެ ވުޒާރާއިން އިސްނަގައިގެން ފޯރުކޮށްދޭ މި ޚިދުމަތުގެ ދަށުން، ފްލައިޓު ފުރުމުގެ ފަސް ގަޑިއިރު ކުރިން ބަސް ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މާދަމާ ފުރާ ފުރަތަމަ ފްލައިޓުން 235 ޙައްޖުވެރިން ސައުދީ އެއާލައިންސްގައި ފުރުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 15:25 ގައެވެ. އެހެންކަމުން މާދަމާ (ހުކުރު ދުވަހު) ހެނދުނު 10:30 ގައި 6 ރޫޓަކުން ބަސް ދަތުރުތައް ފަށާނެއެވެ.

ޙައްޖުވެރިންނަށް އެންމެ ފަސޭހައިން އާދެވޭނެ ސަރަހައްދުތަކަށް ބަލައިގެން ދުވަހުން ދުވަހަށް ރޫޓުތައް ކަނޑައަޅާނެއެވެ. އަދި ބަސް ދަތުރުކުރާ ރޫޓުތަކާއި ގަޑިތައް ވުޒާރާގެ މީސްމީޑިއާ މަންސަތައް މެދުވެރިކޮށް އާންމުކުރަމުން ގެންދާނެއެވެ. ކޮންމެ ޙައްޖުވެރިއަކަށްވެސް އެމީހަކަށް އެންމެ ފަސޭހަ އަދި ކައިރި ބަސް ހުއްޓިއެއް ޚިޔާރުކުރުމުގެ ފުރުސަތު އޮންނާނެކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ.

މީގެ އިތުރުން، ބަސް ހުއްޓިތަކުގައި ޙައްޖުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވުޒާރާގެ މުވައްޒަފުންނާއި، ސްކައުޓުންނާއި، ގާލްގައިޑުންގެ އިތުރުން ކެޑޭޓުން ހަރަކާތްތެރިވަމުން ދާނެކަމަށްވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.