ފުރުމުގެ ކުރިން ޙައްޖުވެރިންނަށް 'ނުސުކް ކާޑު' ދޫކުރާ ހަމައެކަނި ޤައުމަކަށް ރާއްޖެ ވެއްޖެ

ފުރުމުގެ ކުރިން ޙައްޖުވެރިންނަށް 'ނުސުކް ކާޑު' ދޫކުރާ ހަމައެކަނި ޤައުމަކަށް ރާއްޖެ ވެއްޖެ

Author
އަހުމަދު
14 މެއި 2026 04:52
0

ދިވެހި ޙައްޖުވެރިން މުޤައްދަސް ބިމަށް ފުރުމުގެ ކުރިން، އަމިއްލަ ޤައުމުގައި ތިބެގެން 'ނުސުކް ކާޑު' ލިބޭނެ އިންތިޒާމު ހަމަޖެހި، މިކަން ކުރާ ދުނިޔޭގެ ހަމައެކަނި ޤައުމުގެ ޝަރަފު ރާއްޖެއިން ހޯދައިފިއެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން މައުލޫމާތު ދެއްވާ ގޮތުގައި، ދިވެހި ޙާޖީންނަށް ފަސޭހަވާނެހެން މި އިންތިޒާމު ހަމަޖައްސާފައިވަނީ ޙައްޖުގެ ޚިދުމަތް ފޯރުކޮށްދޭ އެޖެންޓް ކަމަށްވާ 'ރަވާފް މިނާ' މެދުވެރިކޮށެވެ. އަދި މި ކާޑުތައް ދިވެހި ޙައްޖުވެރިންނާ ހަވާލުކުރުމަށްޓަކައި އެ ކުންފުނީގެ ވައިސް ޕްރެސިޑެންޓް އިޙްސާން ކަތިބު ވަނީ ރާއްޖެ ވަޑައިގެންފައެވެ.

ސައުދީ ސަރުކާރުން ތަޢާރަފުކޮށްފައިވާ ނުސުކް ނިޒާމަކީ، ގަވާއިދާ ޚިލާފަށް މައްކާއަށް އެތެރެވުން ހުއްޓުވައި، ވަކި އުސޫލެއްގެ ދަށުން ޙާޖީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެކުލަވާލާފައިވާ ޚާއްޞަ ޕްލެޓްފޯމެކެވެ. މިއީ ޙައްޖުގެ އަޅުކަން އަދާކުރުމަށް ދޫކުރާ ރަސްމީ ފާހަށް ވާއިރު، ސައުދީގެ ޙައްޖާބެހޭ ވުޒާރާއިން ވަނީ ޙައްޖުގެ އަޅުކަމުގެ ތެރޭގައި ހުރިހާ ވަގުތެއްގައިވެސް މި ފާސް އަތުގައި ބޭއްވުމަށް އަންގަވާފައެވެ.

ޕްރިންޓުކޮށްފައި އޮންނަ މި ކާޑަކީ ޙައްޖުގެ މަނާސިކުތައް އަދާކުރުމަށް އެކި ތަންތަނަށް ދަތުރުކުރުމުގައާއި، ޙައްޖާ ގުޅުންހުރި އެކިއެކި ޚިދުމަތްތައް ހޯދުމުގައި ކޮންމެހެން ބޭނުންވާނެ މުހިންމު ވަސީލަތެކެވެ. އެހެންކަމުން، ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު އެއްވެސް ޙާޖީއަކަށް ގެއްލިދިޔަ ނުދިނުމަށްޓަކައި، ހުރިހާ ވަގުތެއްގައިވެސް ނުސުކް ކާޑު އަޅައިގެން އުޅުމަށް ޙައްޖު ކޯޕަރޭޝަނުން ވަނީ ދިވެހި ޙާޖީންނަށް ވަރަށް ބޮޑަށް އިލްތިމާސްކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.