ބޯކޮށް ވާރޭވެހި ބާރަށް ގުގުރުމުގެ ސަބަބުން މިރޭ ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެއެވެ.
ކަރަންޓު ކެނޑިފައިވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ބައެއް ހިސާބުތަކުންނެވެ. މިވަގުތު މާލެ ސަރަހައްދަށް ގަދައަށް ވިދައި ގުގުރުމާއެކު ދަނީ ވާރޭ ވެހެމުންނެވެ. މޫސުން ގޯސްވުމާ ގުޅިގެން، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ ކ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް މިރޭ މެންދަމު 12:00 އިން ފަތިހު 5:00 އަށް ރީނދޫ ސަމާލު ނެރެފައެވެ.
މިއީ ފަހަކަށް އައިސް ހުޅުމާލެއިން ކަރަންޓު ކެނޑުނު ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ތިން ދުވަސް ކުރިން މިދިޔަ ހޮނިހިރު ދުވަހުވެސް ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑިފައިވާއިރު، މި މަހުގެ 12 ވަނަ ދުވަހު ހިޔާ ޓަވަރުތަކާއި ވިނަރެސް އެޕާޓްމެންޓުތަކުން ކަރަންޓު ކެނޑި އަށް ގަޑިއިރު ވަންދެން ރައްޔިތުންނަށް ދަތިތަކާ ކުރިމަތިލާން ޖެހުނެވެ. ސްޓެލްކޯއިން ބުނެފައިވާ ގޮތުގައި އެ ދެ ފަހަރު ކަރަންޓު ކެނޑެން މެދުވެރިވީ މަގު ކޮނުމުގެ ތެރޭގައި ކޭބަލަކަށް ލިބުނު ގެއްލުމަކާ ގުޅިގެންނެވެ.
ކޮމެންޓު ފޮނުވާ