ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ މިނިސްޓަރު ފައްޔާޒް އިސްމާއީލް ހުށަހެޅުއްވި ކަންކަމަކީ އެމްޑީޕީގެ އާންމު އިޖުރާއަތްތަކާ ހިލާފަށް މަތިން ތިރިއަށް އައިސްފައިވާ ހުށަހެޅުންތަކެއްކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވަން މީކާއިލް ފެއްޓެވި "އިތުބާރު" ކެމްޕެއިން ލޯންޗުކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ، އެމްޑީޕީއަކީ އަބަދުވެސް އާންމު މެމްބަރުންނާ މަޝްވަރާކޮށްގެން ތިރިން މައްޗަށް ކަންކަން ނިންމާ ޕާޓީއެއް ކަމަށެވެ. ނަމަވެސް ނަޝީދާއި ފައްޔާޒު ހުށަހެޅުއްވި ބަދަލުތަކަކީ ޕާޓީގެ ގައުމީ މަޖިލީހާއި އާންމު މެމްބަރުންގެ އެއްވެސް މަޝްވަރާއެއް ނެތި ހުށަހަޅާފައިވާ ކަންތައްތަކެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. މީކާއީލް އިތުރަށް ވިދާޅުވީ މިވަގުތު އޭނާގެ ފުރިހަމަ އަމާޒު ހުރީ ޕާޓީ ހިންގުމާއި ޗެއާޕާސަންގެ މަސްއޫލިއްޔަތުތަކުގެ މައްޗަށް ކަމަށެވެ.
މިދިޔަ އާދިއްތަ ދުވަހު "ބޮޑު ބަދަލު"ގެ ނަމުގައި ނަޝީދާއި ފައްޔާޒު ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި ދައުލަތުގެ އެންމެ މަތީ ވެރިޔާ އާއި ސަރުކާރުގެ އެންމެ އިސްވެރިޔާ އަކީ ވަކި ދެ މަގާމެއް ކަމުގައި ކަނޑައެޅުން ހިމެނެ އެވެ. މީގެ އިތުރުން ސަރުކާރުގެ ވެރިޔާ ރައްޔިތުންގެ ވޯޓުން ހޮވުމާއި، މަޖިލީހާއި ކައުންސިލްތައް ގުޅިގެން ދައުލަތުގެ ވެރިޔާ ހޮވުމާއި، މަޖިލީހުގެ މެމްބަރުންގެ އަދަދު ކޮންޓްރޯލް ކުރުމާއި، ފަނޑިޔާރުން ވަކިކުރުމުގައި ރައްޔިތުންގެ ވޯޓެއް ނެގުމުގެ އިތުރުން މާލިއްޔަތާ ގުޅޭ ބޮޑެތި ކަންކަމުގައި ރައްޔިތުންގެ ބަސް ހޯދުން ފަދަ ކަންކަން ހިމެނެ އެވެ.
މި ހުށަހެޅުންތަކާ ގުޅިގެން މިއީ ބަރުލަމާނީ ނިޒާމެއްތޯ ނޫސްވެރިން ސުވާލުކުރުމުން ފައްޔާޒު ވަނީ އެކަން ދޮގުކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ ވޯޓަކުން ސަރުކާރުގެ ވެރިޔާ ހޮވުމަކީ ބަރުލަމާނީ ސިފައެއް ނޫން ކަމަށާއި، ބަރުލަމާނީ ނިޒާމެއްގައި ސަރުކާރުގެ ވެރިޔަކަށް ވާނީ މަޖިލީހުގެ މެމްބަރެއް ކަމަށެވެ. ރައީސް ނަޝީދު ވަނީ މި ބަދަލުތަކަކީ 2028 ގެ ފަހަށް މަޑުކުރަންޖެހޭ ކަންކަން ނޫން ކަމަށް ވިދާޅުވެ، މިހާރުން މިހާރަށް މިކަމުގައި މަޝްވަރާކުރުމަށް ސަރުކާރަށް ގޮވާލައްވާފަ އެވެ.
ކޮމެންޓު ފޮނުވާ