އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހްމަދު ނަސީމްގެ ކެމްޕެއިން "އިތުބާރު"، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ޓީމުގެ ބޮޑު ތާއީދަކާއެކު ރަސްމީކޮށް ފަށައިފިއެވެ.
މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ކެމްޕެއިން ލޯންޗުކުރިއިރު، ރައީސް ސޯލިހު އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގެންނެވި ނަމަވެސް، އެމަނިކުފާނާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްގެ ތާއީދު އޭނާއަށް އޮތްކަން މީކާއީލް ވަނީ ހާމަކުރައްވާފައެވެ. ކެމްޕެއިން ފެށުމުގެ މި ރަސްމިއްޔާތުގައި ޕާޓީގެ އިސް ގިނަ ބޭފުޅުންތަކެއް ބައިވެރިވެވަޑައިގަތެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް، ރީކޯ މޫސާ މަނިކު، ކުރީގެ މެމްބަރު އަލީ ނިޔާޒް، އަދި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކަކާއި މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިހާބުވި އެމްޑީޕީ މެމްބަރުން ހިމެނެއެވެ.
ޕާޓީގެ ގިނަ ލީޑަރުންތަކެއްގެ ތާއީދާއެކު އިންތިހާބަށް ނުކުންނެވި މީކާއީލް ވަނީ، މި އިންތިހާބުން ނާކާމިޔާބުވި ނަމަވެސް ޕާޓީގައި ދެމިހުންނަވާނެ ކަމުގެ ޔަގީންކަން ޕާޓީގެ އާންމު މެމްބަރުންނަށް ދެއްވާފައެވެ. އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ފޯރި ގަދަވެފައިވާއިރު، ދާދިފަހުން ޕާޓީއާ އަލުން ގުޅިވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ މި މަގާމަށް ވާދަކުރައްވަން ނިންމަވާފައެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ރައީސް ނަޝީދާއި ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ހުށަހަޅުއްވާފައިވާ "ބޮޑު ބަދަލު" އާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މީކާއީލް ވިދާޅުވީ، އެކަންކަން ހުށަހަޅާފައިވަނީ ޕާޓީގެ އިޖުރާއަތްތައް ތަރުތީބުވެފައި އޮންނަ ގޮތާ ހިލާފަށް ކަމަށެވެ. އަދި އޭނާގެ މިވަގުތުގެ ހަމައެކަނި އަމާޒަކީ ޗެއާޕާސަންގެ ހައިސިއްޔަތުން ޕާޓީ ހިންގާނެ ގޮތާއި އެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ މައްޗަށް ކަމަށްވެސް ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް މީކާއީލްގެ އިތުރުން ދެން ވާދަކުރައްވަނީ ރައީސް ނަޝީދާއި އަލްހާން ފަހުމީއެވެ.
ކޮމެންޓު ފޮނުވާ