ޕާކިސްތާނުގެ އިސްލާމްއާބާދުގައި އެމެރިކާ އާއި އީރާނާ ދެމެދު ކުރިއަށްދިޔަ މަތީ ފަންތީގެ މަޝްވަރާތައް އެއްވެސް އެއްބަސްވުމަކާ ނުލައި ނިންމާލައިފިއެވެ.
އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް އެނބުރި ގައުމަށް ވަޑައިގަތީ، އެމެރިކާގެ ފަރާތުން ހުށަހަޅާ "އެންމެ ފަހުގެ އަދި އެންމެ ރަނގަޅު ހުށަހެޅުން" އީރާނުގެ މަންދޫބުންނަށް އެރުވުމަށް ފަހުގައެވެ. 21 ގަޑިއިރަށް ދެމިގެންދިޔަ މި ބައްދަލުވުންތަކަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވެންސް ވިދާޅުވީ، މި ހުށަހެޅުންތަކާ މެދު ވިސްނައި ގޮތެއް ނިންމުމުގެ ފުރުސަތު އީރާނަށް އަދިވެސް އެބައޮތް ކަމަށެވެ. އަދި މަޝްވަރާތަކަށް ޖާގަ ދިނުމުގެ ގޮތުން، އިސްރާއީލާ ގުޅިގެން ދޭ ހަމަލާތައް ދެ ހަފުތާގެ މުއްދަތަކަށް މަޑުޖައްސާލުމަށް ނިންމާފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި މަޝްވަރާތަކުގައި ދެ ގައުމުގެ ދެމެދުގައި ހިޔާލުތަފާތުވުން އެންމެ ބޮޑުވީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުންނެވެ. ނިއުކްލިއާ ހަތިޔާރު އުފެއްދުން ދިގު މުއްދަތަކަށް ހުއްޓާލާނެކަމުގެ ކަށަވަރުކަން އީރާނުން ދިނުމަށް އެމެރިކާއިން އެދެއެވެ. ނިއުކްލިއާ ބޮމެއް އުފެއްދުމުގެ އެއްވެސް ނިޔަތެއް ނެތްކަމަށް އީރާނުން ބުނަމުންދިޔަ ނަމަވެސް، އެމެރިކާ އާއި އިސްރާއީލުން ގެންދަނީ އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާދެމުންނެވެ.
އެމެރިކާގެ ޑިމާންޑުތަކަށް ރައްދުދެމުން އީރާނުން ބުނެފައިވަނީ އެއީ ގާނޫނާ ހިލާފު އަދި އިންސާފުން ބޭރު ހުށަހެޅުންތަކެއް ކަމަށެވެ. އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވިދާޅުވީ، މަޝްވަރާތަކުން އެދެވޭ ނަތީޖާއެއް ނެރެވޭނީ އީރާނުގެ ގާނޫނީ ހައްގުތައް ބަލައިގަނެ، އެމެރިކާއިން އިހުލާސްތެރިކަން ދެއްކުމުން ކަމަށެވެ.
ނިއުކްލިއާ މައްސަލައިގެ އިތުރުން، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި ހޮރްމޫޒް ކަނޑުއޮޅީގެ ސަލާމަތާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ. މި ބައްދަލުވުންތަކުގައި ވެންސްގެ އިތުރުން ޖެރެޑް ކުޝްނާ އާއި އެމެރިކާގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފް ވެސް ބައިވެރިވެވަޑައިގަތެވެ.
ކޮމެންޓު ފޮނުވާ