ސުކޫކު ދައްކައި ޚަލާސްކުރުމާއެކު ދައުލަތުގެ ބޮޑެތި އިމާރާތްތަކެއް ރަހުނުން މިނިވަންވެއްޖެ

ސުކޫކު ދައްކައި ޚަލާސްކުރުމާއެކު ދައުލަތުގެ ބޮޑެތި އިމާރާތްތަކެއް ރަހުނުން މިނިވަންވެއްޖެ

Author
ޙަސަން މުޙައްމަދު
04 އޭޕްރިލް 2026 12:04
0

ރާއްޖެއިން ބޭރަށް ވިއްކާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކު ދައްކައި ޚަލާސްކުރުމުން، އެއާ ގުޅުވައިގެން ރަހުނުކޮށްފައި އޮތް ދައުލަތުގެ މުހިންމު އިމާރާތްތައް މިނިވަންވެއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީން މިއަދު ބޭއްވި ހިނގާލުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ސުކޫކުގެ ދަރަނި އަދާކުރުމާއެކު ދަރުމަވަންތަ ހޮސްޕިޓަލާއި، އައިޖީއެމްއެޗްގެ އިތުރުން ފިނޭންސް މިނިސްޓްރީގެ އިމާރާތް މިހާރު ރަހުނުން ވީއްލިފައިވާ ކަމަށެވެ. މިދިޔަ ސަރުކާރުން 2021 ވަނަ އަހަރު ނެގި މި ސުކޫކަށް ދައުލަތުން ވަނީ ޕްރިންސިޕަލް އެމައުންޓާއި ޕްރޮފިޓް ރޭޓު ހިމެނޭހެން ޖުމްލަ 524.68 މިލިއަން އެމެރިކާ ޑޮލަރު ދައްކާފައެވެ. މި ފައިސާ ދައްކާފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އާއި ދައުލަތުގެ ރިޒާވް ބޭނުންކޮށްގެން، ދިވެހި މާލިއްޔާގެ އަމިއްލަ ބާރުވެރިކަމުގައެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ގައުމު އޮތީ އިގުތިސާދީ ގޮތުން ވަރަށް ނުރައްކާތެރި އަނދަވަޅެއްގައެވެ. ނަމަވެސް، ފައިސާ ޗާޕުނުކޮށް އަދި ރައްޔިތުންނަށް ދޭ އިނާޔަތްތަކުން އެއްވެސް މިންވަރެއް އުނިނުކޮށް، ދައުލަތުގެ ރިޒާވް ރެކޯޑު މިންވަރަކަށް އިތުރުކުރުމަށްފަހު މި ބޮޑު ދަރަނި އަދާކުރެވުމަކީ ގުޅިގެން ކުރެވުނު އިޚްލާސްތެރި ގައުމީ މަސައްކަތުގެ ނަތީޖާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ކުރީ ސަރުކާރުން މާލީ ގޮތުން ފައިދާއެއް ނުވާ ހަރަދުތަކެއް ކުރުމަށްޓަކައި އަދި އޭގެ ކުރީ ސަރުކާރުގެ 250 މިލިއަން ޑޮލަރުގެ ބޮންޑު އަދާކުރުމަށްޓަކައި މި ސުކޫކު ނަގާފައިވަނީ އެ އަދާކުރާނެ ގޮތުގެ އެއްވެސް ޕްލޭނެއް ނެތި، ގައުމާ މެދު އެއްވެސް ވިސްނުމެއް ނެތި ކަމަށްވެސް ރައީސް ވަނީ ފާޑުވިދާޅުވެފައެވެ. ނަމަވެސް މިއަދު އެ ބުރައިން ގައުމު ސަލާމަތްވެފައިވާކަން އެމަނިކުފާނު އުފަލާއެކު ފާހަގަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.