ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެއްކޮށްލުމަކީ ނިޒާމީ މައްސަލަތަކަށް އޮތް ހައްލު: މުއްޠަލިބް

ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެއްކޮށްލުމަކީ ނިޒާމީ މައްސަލަތަކަށް އޮތް ހައްލު: މުއްޠަލިބް

Author
ހުސައިން
29 މާރޗް 2026 02:53
0

ރާއްޖޭގައި ބަޖެޓު ފާސްކުރަމުން އަންނަ ނިޒާމު އޮތްގޮތުން އާ ސަރުކާރުތަކުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ބޮޑެތި ހުރަސްތަކަކާ ކުރިމަތިވާ ކަމަށާއި، މިއަށް އޮތް އެންމެ ރަނގަޅު ހައްލަކީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުން ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ލިންކްޑިންގައި މިއަދު ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ، 2008 ވަނަ އަހަރުން ފެށިގެން އައި އެއްވެސް ރިޔާސީ އިންތިޚާބެއްގައި ވެރިކަމުގައި ހުންނަވާ ރައީސަކަށް ދެވަނަ ދައުރެއް ލިބިވަޑައިގެންފައި ނުވާއިރު، އާ ސަރުކާރުގެ ފުރަތަމަ ބަޖެޓު ފާސްކުރަން ޖެހެނީ ދައުރު ހަމަވާން ގާތްވެފައިވާ ކުރީގެ މަޖިލީހަކުން ކަމަށެވެ. މީގެ ސަބަބުން، އެކަށީގެންވާ ޕްލޭނެއް ނެތް އަދި މާލީ ގޮތުން ދެކޮޅުނުޖެހޭ މަޝްރޫއުތައް ބަޖެޓުގައި ހިމެނުމުގެ ފުރުސަތު ބޮޑުވެ، ގައުމު ހިންގުމަށް އެކަމުގެ ނޭދެވޭ އަސަރު ފޯރާކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ނިޒާމީ މައްސަލަ ހައްލުކުރުމަށްޓަކައި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ޑރ. މުއްޠަލިބް ވަނީ ތާއީދުކުރައްވާފައެވެ. އެގޮތަށް ހަމަޖެހިއްޖެނަމަ، ސަރުކާރާއި މަޖިލީހުގެ ދައުރު އެއްކޮށް ފެށި، އާ ސަރުކާރުގެ ފުރަތަމަ ބަޖެޓު ފާސްކުރާނީ އާ މަޖިލީހުން ކަމަށްވުމާއެކު، ސިޔާސީ ބޭނުމަށް ބަޖެޓަށް ގެންނަ ބަދަލުތައް މަދުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމަށް މަގުފަހިވެގެންދާނެ މުހިންމު ބަދަލެއްކަން ވެސް ފާހަގަކުރެއްވިއެވެ.

މަޖިލިސް އިންތިޚާބާއި ލޯކަލް ކައުންސިލް އިންތިޚާބު އެއްކޮށްލުމުގެ ޚިޔާލަށް ރައްދުދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެއީ މަޖިލިސް އިންތިޚާބު "މިޑް-ޓާމް" އިންތިޚާބަކަށް ބަދަލުވެ، ސަރުކާރު ހިންގުމަށާއި ސިޔާސީ ހަމަޖެހުމަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެދާނެ ކަމެއް ކަމަށެވެ. އަދި އެކަން އެގޮތަށް ކުރާނަމަ މިހާރު އޮތް މަޖިލީހުގެ ދައުރު ދެ އަހަރަށް އިތުރުކުރަން ޖެހޭނެތީ، އެއީ ރައްޔިތުންގެ މެދުގައި މަގުބޫލުވާނެ ކަމެއް ނޫންކަމަށް ވެސް ވިދާޅުވިއެވެ.

އިންތިޚާބުތައް އެއްކޮށްލުމަކީ ހަމައެކަނި ޚަރަދު ކުޑަކުރުމުގެ ބޭނުމުގައި ކުރަންޖެހޭ ކަމެއް ނޫންކަން ފާހަގަކުރައްވައި މިނިސްޓަރު ނިންމަވާލެއްވީ، މިއީ ދައުލަތް ހިންގުން ހަރުދަނާކޮށް، ސިޔާސީ ހަމަޖެހުން ގެނައުމަށް ކޮންމެހެން މުހިންމު ބަދަލެއް ކަމަށް ވިދާޅުވަމުންނެވެ. މި ބަދަލާއެކު ސަރުކާރާއި މަޖިލީހަށް ރައްޔިތުން އެއްފަހަރާ ދޭ މެންޑޭޓަކާއެކު، ފަސް އަހަރުގެ ދައުރެއްގައި ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމުގެ ފުރިހަމަ ފުރުސަތު ލިބި، ހިންގުމުގެ ދާއިރާގައި ހުރި އޮޅުންބޮޅުންތަކަށް ނިމުމެއް އަންނާނެ ކަމަށް ޑރ. މުއްޠަލިބް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.