އެންސްޕާ މެދުވެރިކޮށް ފީޑިންގ ޓިއުބް ހޯދުމުގައި ބޮޑެތި ލަސްތަކެއް ދިމާވެ، އުމުރުން 6 އަހަރުގެ ކުއްޖަކު ނިޔާވި ހިތާމަވެރި މައްސަލައެއް ހެލްތު މިނިސްޓްރީން ތަޙުޤީޤުކުރަން ފަށައިފިއެވެ.
ސެރެބްރަލް ޕަލްސީ ތަޙައްމަލުކުރަމުންދިޔަ އިބްރާހީމް އަޒާން ސުހައިލްގެ ކެއުންބުއިން މުޅިންހެން ބިނާވެފައި އޮތީ ގޮހޮރަށް ކާނާ ފޮނުވައިދޭ ފީޑިންގ ޓިއުބެއްގެ މައްޗަށެވެ. ކޮންމެ 6 މަހަކުން ބަދަލުކުރަންޖެހޭ މި ޓިއުބް ހޯދުމަށް މިދިޔަ އަހަރުގެ އޮގަސްޓު މަހު އެންސްޕާއަށް ހުށަހެޅި ނަމަވެސް، އެ ތަކެތި ލިބިފައިވަނީ 8 މަސް ފާއިތުވި ފަހުންކަމަށް އަޒާންގެ މަންމަ އާމިނަތު ޔަޝްފާ ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
ޔަޝްފާ ތުހުމަތުކުރާ ގޮތުގައި، ކުއްޖާގެ ފުރާނައާ ގުޅިފައިވާ މި މުހިންމު ވަސީލަތް ލިބުން ލަސްވީ އެންސްޕާގެ ފަރުވާކުޑަކަމުންނެވެ. އެސްޓީއޯ ފާމަސީން އޭރު ބުނެފައިވަނީ އެންސްޕާއިން ހުއްދަ ނުދޭތީ ޓިއުބަށް އޯޑަރުކޮށްފައި ނުވާކަމަށެވެ. ކަމާބެހޭ ފަރާތްތަކުގައި އެތައް އާދޭހެއް ކުރިފަހުން، އައިޖީއެމްއެޗް އިން ޓިއުބް ލިބުނުކަމަށް ގުޅާފައި ބުނީ އަޒާންގެ ހާލު ދެރަވެ، ޑޮކްޓަރުން އުންމީދު ކަނޑާލި ފަހުންނެވެ. އަދި އެހާލަތުގައި އޮއްވާ ޓިއުބް ގުޅެން ނެތްކަމަށް ޑޮކްޓަރުން އެންގުމަށްފަހު، އިއްޔެގެ ވަގުތެއްގައި އަޒާން ވަނީ މި ދުނިޔެ ދޫކޮށްފައެވެ.
މި ހިތްދަތި ހާދިސާއާ ގުޅިގެން އެންސްޕާއާއި އެސްޓީއޯއަށް އާންމުންގެ ފާޑުކިޔުންތަކާއި ކަންބޮޑުވުންތައް ވަރަށް ބޮޑަށް އަމާޒުވެފައިވެއެވެ. ހެލްތު މިނިސްޓްރީން ބުނެފައިވަނީ މި މައްސަލަ އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާކަމަށާއި، ކަމާގުޅޭ އިދާރާތައް މެދުވެރިކޮށް މައްސަލަ ވަރަށް ސީރިއަސްކޮށް ބަލަމުންދާކަމަށެވެ. ނަމަވެސް މިއީ ތަޙުޤީޤުކުރަމުންދާ މައްސަލައަކަށްވާތީ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ. މިކަމާ ގުޅިގެން އެންސްޕާއިންވެސް މިހާތަނަށް ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ