ބަންޑާރަ މިސްކިތް ހިމާޔަތްކުރުމަށް ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފި

ބަންޑާރަ މިސްކިތް ހިމާޔަތްކުރުމަށް ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފި

Author
ޙަސަން މުޙައްމަދު
09 މާރޗް 2026 11:53
0

މާލޭގެ ބަންޑާރަ މިސްކިތް ނުވަތަ މަސްޖިދުއްސުލްތާން މުހައްމަދު ޝަމްސުއްދީން ތަޅާލުމާ ދެކޮޅު ހަދައި، އެތަން ތާރީޚީ ބިނާއެއްގެ ގޮތުގައި ހިމާޔަތްކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް އީ-ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

މި ޕެޓިޝަން މަޖިލީހަށް ހުށަހެޅުއްވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާފަންނު އުތުރު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް ހުސައިން ފުރުޝާން އެވެ. މިފަދަ ޕެޓިޝަނެއް ހުށަހަޅާފައި މިވަނީ، އަންނަ އަހަރަށް ސަތޭކަ އަހަރު ފުރޭ މި އާސާރީ މިސްކިތް ތަޅާލައި، އެތަނުގައި ޒަމާނީ ފެންވަރުގެ އާ މިސްކިތެއް ބިނާކުރުމަށް ސަރުކާރުން ނިންމާފައިވާކަން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިދިޔަ ހުކުރު ދުވަހު އިއުލާންކުރެއްވުމާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

މަޖިލީހަށް ހުށަހެޅި މި އީ-ޕެޓިޝަނުގައި ސޮއިކުރުމަށް 42 ދުވަސް (ހަ ހަފުތާ) ގެ މުއްދަތެއް ލިބޭނެއެވެ. އީފާސް މެދުވެރިކޮށް ކޮންމެ ރައްޔިތަކަށްވެސް މި ޕެޓިޝަނުގައި ސޮއިކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު، ޕެޓިޝަނަށް ލިބޭ ތަރުހީބާއި ސޮއީގެ އަދަދަށް ބަލައި މަޖިލީހުގެ ގަވާއިދުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެއެވެ.

ބަންޑާރަ މިސްކިތް ތަޅާލަން ނިންމުމުން އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޝަހީމް ފުރަތަމަ ވިދާޅުވީ އެއީ ތާރީޚީ ތަނަކަށް ވާންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އެހެންނަމަވެސް، އާންމުންގެ ކަންބޮޑުވުންތަކާއެކު މިނިސްޓަރު ފަހުން ވަނީ، މިނިސްޓްރީން ކަންކަން ކުރިއަށް ގެންދާނީ ރައްޔިތުންގެ އަޑުއަހައިގެން ކަމަށާއި، އެތަނުގައި އާ މިސްކިތެއް ބިނާކުރުމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.