ތިލަފުށީ ފަޅު ތެރެއަށް ތަކުރާރުކޮށް ކުނި އެޅުމާއި ގުޅިގެން، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) 1.1 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ ވެމްކޯ ޖޫރިމަނާކޮށްފައިވަނީ ފަޅުތެރެއަށް ތަކުރާރުކޮށް ކުނި އަޅަމުން ގެންދިއުމާއި ގުޅިގެންކަމަށެވެ. ބޮޑު ޢަދަދަކުން ވެމްކޯ ޖޫރިމަނާކޮށްފައިވާއިރު، ދިވެހިރާއްޖޭގެ ތިމާވެއްޓާއި ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވަނީ، ރާއްޖޭގެ ތިމާވެއްޓަށް ގެއްލުން ލިބޭގޮތަކަށް ރާއްޖޭގެ އެއްވެސް ތަނަކަށް ކުނި ނުވަތަ ތެޔޮ ނުވަތަ ވިހަ ގޭސްފަދަ އެއްޗެއް އުކާލައިގެން ނުވަތަ އަޅައިގެން ނުވާނެ ކަމަށެވެ. އަދި ކޮންމެހެން އުކާލަންޖެހޭ ތަކެތިއުކާލަންވާނީ ނުވަތަ އަޅަންވާނީ ސަރުކާރުން އެކަމަށް ކަނޑައަޅާ ތަންތަނަށް ކަމަށާއި، އެފަދަ ތަކެތި އަންދާލައިގެން ނައްތާލާނަމަ އެކަން ކުރަންވާނީ މީހުންގެ ސިއްހަތަށް ގެއްލުން ނުވާގޮތަށް އެކަށީގެންވާ ރައްކާތެރި ކަމާއެކުގައިކަމަށެވެ.
Under The Waste Management Regulation (2013/R-58), Waste Management Cooperation (WAMCO) has been penalised on 11th January 2020 with a fine of MVR 1,128,750 due to the repeated cases of waste disposal into the lagoon area during their operations.
— EPA Maldives (@EPAMaldives) January 12, 2021
އީޕީއޭއިން ބުނީ ވެމްކޯގެ އުޅަނދުތަކުގައި ތިލަފުސީ ފަޅުތެރެއަށް ތަކުރާރުކޮށް ކުނި އަޅާކަމުގެ ރިޕޯޓް އެ އެޖެންސީއަށް ލިބިފައިވާކަމަށެވެ. އެގޮތުން ލޭންޑިންގް ކްރާފްޓަށް ކުނި ބަރުކުރުމުގައި މޫދަށް ކުނި އެޅޭ މައްސަލައާއި، އުޅަނދަށް އަޅާފައިވާ ކުނި ކަވަރނުކޮށް ކުނި އުފުލުމުގެ ސަބަބުން މޫދަށް ކުނި އެޅޭ މައްސަލައާއި، އުޅަނދު ފަހަރުން ތިލަފުއްޓަށް ގެންދާ ކުނި އަންލޯޑު ކުރުމުގައި ފަޅުތެރެއަށް ގިނަ އަދަދަކަށް ކުނި އެޅޭ މައްސަލަތައް އީޕޭއޭ އިން ކުރިއަށްގެންދާ ރޭންޑަމް އިންސްޕެކްޝަނަށްވެސް ފާހަގަވެފައިވާކަމަށް އީޕީއޭއިން ބުނެއެވެ. އެގޮތުން ފާއިތުވި 4 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އެކިފަހަރުމަތިން މިކަމާއި ގުޅޭގޮތުން ވެމްކޯއަށް ސިޓީ ފޮނުވާފައިވާނެކަމަށްވެސް އީޕީއޭއިން ބުނެއެވެ.
އީޕީއޭއިން ބުނީ ވެމްކޯގެ ކުނި އުފުލާ އުޅަނދު ފަހަރުން މޫދަށާއި ފަޅުތެރެއަށް ކުނި އަޅާފައި ވާތީ އާއި ކުނި އުފުލުމުގެ މަސައްކަތްކުރުމުގެ ތެރޭގައި މޫދަށް ކުނި އެޅުމަށް މަގުފަހިވާގޮތަށް އަމަލުކުރަމުން ދިޔުމާ ގުޅިގެން، އެކަންކަން އިސްލާހުކުރުމަށް ތަކުރާރުކޮށް އަންގައިފައިވަނިކޮށް އިސްލާހުކޮށްފައި ނުވާތީވެ، އެ ކުންފުންޏަށް އަޅާ އިސްލާހީ ފިޔަވަޅެއްގެ ގޮތުން ޖޫރިމަނާގެ ގޮތުގައި ތިމާވެއްޓާއި ބެހޭ ޤާނޫނު 4/93 ގެ ދަށުން ހަދާފައިވާ ކުނި މެނޭޖުކުރުމާއި ބެހޭ ގަވާއިދުގެ ދަށުން އަދި ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން -/1,128,750 (އެއްމިލިއަން އެއްސަތޭކަ އަށާވީސްހާސް ހަތްސަތޭކަ ފަންސާސް) ރުފިޔާއިން ޖޫރިމަނާކޮށްފައިވާކަމަށެވެ. އަދި އެފައިސާ މިއަދުން ފެށިގެން ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި ދެއްކުމަށްވެސް އީޕީއޭއިން ވަނީ ވެމްކޯއަށް އަންގާފައެވެ.
ކޮމެންޓު ފޮނުވާ