ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމްގެ އަމިއްލަ ޚަރަދުގައި އެ ރަށުގައި ބިނާކުރެއްވި ޒަމާނީ މިސްކިތް، "މަސްޖިދު އިބްރާހީމް" ރަސްމީކޮށް ހުޅުވައިފިއެވެ.
މިއަދުގެ ހުކުރު ވަގުތާ ދިމާކޮށް މި މިސްކިތް ހުޅުވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި، މިސްކިތް ބިނާކުރެއްވި ޤާސިމް އިބްރާހީމެވެ. މިސްކިތް ހުޅުވައިދެއްވުމަށްފަހު، މިސްކިތުގައި ކުރެވުނު ފުރަތަމަ ހުކުރު ނަމާދު އިމާމުވެ ކުރެއްވީ ވެސް ވަޒީރު ޑރ. ޝަހީމެވެ.
އެއްފަހަރާ 800 މީހުންނަށް ނަމާދުކުރެވޭ ޖާގައިގެ މި މިސްކިތަކީ ޒަމާނީ ފެންވަރަށް އޭސީކޮށް، އަންހެން ބޭކަނބަލުންނަށް ވެސް ވަކިން ވުޟޫކޮށް ނަމާދުކުރެވޭނެ އިންތިޒާމު ފުރިހަމައަށް ޤާއިމުކޮށްފައިވާ ހިތްގައިމު ބިނާއެކެވެ.
މި ރަމަޟާން މަހަށް ޚާއްޞަކޮށްގެން ސަރުކާރާއި އަމިއްލަ ފަރާތްތަކުން ބިނާކޮށްފައިވާ 15 މިސްކިތެއް ހުޅުވާފައިވާއިރު، މާމިނގިލީގައި މިއަދު ހުޅުވުނު މި މިސްކިތް ހިމެނިގެންދަނީ މި ބަރަކާތްތެރި މައްސަރަށް ތައްޔާރުވުމުގެ ގޮތުން ހުޅުވުނު މުހިންމު މިސްކިތްތަކުގެ ތެރޭގައެވެ.
ކޮމެންޓު ފޮނުވާ