ތިލަފުށީގައި އެކްސްކެވޭޓަރަކުން ޖެހި ބިދޭސީއަކު މަރުވި މައްސަލައިގައި ހައްޔަރުކޮށްފައިވާ ސްރީލަންކާ މީހާގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.
މިދިޔަ ޖަނަވަރީ މަހުގެ ފަހުކޮޅު ހިނގި މި ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސްރީލަންކާއަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ މަދުރަންގަ ޑިސަނަޔަކަ މެނިކަ ދުރަޔަލަގެ ނަމަކަށް ކިޔާ މީހެކެވެ. ގަސްތަކާ ނުލައި މީހަކު މެރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެ މީހާގެ ބަންދުގެ މުއްދަތު ހަމަވާތީ، ކޯޓަށް ހާޒިރުކުރުމުން ގާޒީ ވަނީ އޭނާގެ ބަންދަށް އިތުރު 45 ދުވަސް ޖަހައިދީފައެވެ.
މި މައްސަލައިގައި މަރުވެފައިވަނީ އުމުރުން 24 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ އަމީން މިއާއެވެ. ޖަނަވަރީ 26 ވަނަ ދުވަހު އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް، މަރުވެފައި އޮއްވާ ފެނުނީ އޭގެ ދެ ދުވަސް ފަހުން ކުނިތަކުގެ ތެރެއިންނެވެ. ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި އަމީން މަރުވީ ކުނި ނެގުމުގެ މަސައްކަތް ކުރަމުންދިޔަ އެކްސްކެވޭޓަރުގެ ދަތްގަނޑުން އޭނާގެ ގައިގައި ޖެހިގެންނެވެ. އަދި އެ ވަގުތު އޭނާ ވެއްޓުމުން، އެކްސްކެވޭޓަރުން ނެގި ކުނިތައް އޭނާގެ ހަށިގަނޑު މައްޗަށް އެޅި ފޮރުވުނު ކަމަށް ބެލެވޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި އެކްސްކެވޭޓަރުން އަމީންގެ ގައިގައި ޖެހުމަށްފަހު ވެސް، މެދުކެނޑުމެއް ނެތި މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ. އެ ވަގުތު އެކްސްކެވޭޓަރު އޮޕަރޭޓް ކުރަން އިނީ ހައްޔަރުކޮށްފައިވާ ލަންކާ މީހާއެވެ. ކޯޓު އަމުރުގައިވާ ގޮތުން އެ މީހާ މަސައްކަތް ކޮށްފައިވަނީ ގަވާއިދާ ހިލާފަށެވެ. އަދި ހާދިސާއަށްފަހު އޭނާ ފިލަން މަސައްކަތްކުރި ކަމަށް ހެކިވެރިންގެ ބަޔާނުން އެނގޭ ކަމަށްވެސް މައްސަލަ ބައްލަވާ އިންވެސްޓިގޭޝަން އޮފިސަރު ކޯޓުގައި ވިދާޅުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ