ބާޒާރުމަތީގައި ތާރުއަޅާ ނިންމައި، އަންނަ ހަފުތާގައި މަގު ހުޅުވާލަނީ

ބާޒާރުމަތީގައި ތާރުއަޅާ ނިންމައި، އަންނަ ހަފުތާގައި މަގު ހުޅުވާލަނީ

Author
ޙަސަން މުޙައްމަދު
11 ފެބްރުއަރީ 2026 02:07
0

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގެ ދަށުން، މާލޭގެ އެންމެ ކާރޫބާރޫ ބޮޑު ސަރަހައްދު ކަމަށްވާ ބާޒާރުމަތީގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން އެއްކޮށް ނިންމާލައިފިއެވެ.

މި މަސައްކަތް ކުރިއަށް ގެންދާ އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، އަންގާރަ ދުވަހުގެ ރޭ އެ ސަރަހައްދުގައި ތާރު އަޅައި ވަނީ ނިންމާލާފައެވެ. އަދި މަގުގައި ކުރަހަންޖެހޭ ޓްރެފިކް ނިޝާންތައް ކުރެހުމާއި، ހަރުކުރަންޖެހޭ ބޯޑުތައް ހަރުކުރުމުގެ އިތުރުން ޔުޓިލިޓީ ނެޓްވޯކްގެ ބައެއް ކުދި މަސައްކަތްތައް ނިންމުމަށްފަހު، އަންނަ ހަފުތާގެ ތެރޭގައި އެ ސަރަހައްދު އާންމު ދަތުރުފަތުރަށް ހުޅުވާލެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން ބާޒާރުމަތީގެ 260 މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅާފައިވާއިރު، މުޅި ސަރަހައްދަށް ވަނީ ޒަމާނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ބަނދަރުގެ އެއްގަމު ތޮށި ގާތްގަނޑަކަށް 6 މީޓަރަށް ބޭރަށް ޖައްސައި، މަގުގެ ފުޅާމިން 14 މީޓަރަށް އިތުރުކޮށްފައިވެއެވެ. މިއާއެކު މިހާރު އެ މަގު ތަރައްގީ ކުރެވިފައިވަނީ 4 ލޭނަށް ދުއްވޭ ގޮތަށެވެ. މީގެ އިތުރުން މަގު ހެދުމުގެ މަސައްކަތާ އެކުއެކީގައި އެ ސަރަހައްދުގެ ބަނދަރުގެ އެއްގަމު ތޮށިވެސް ވަނީ މުޅިން އަލުން ތަރައްގީކޮށްފައެވެ.

ލޯކަލް މާރުކޭޓާއި މަސް މާރުކޭޓު އަދި ދަތުރުވެރިންގެ މާރުކޭޓު ހިމެނޭ މި ސަރަހައްދަކީ މުދާ އުފުލާ ބޯޓުފަހަރާއި އާންމުންގެ ގިނަ ބަޔަކު އެންމެ ގިނައިން ބޭނުންކުރާ ސަރަހައްދަށްވުމުން، މަގު ހަދާ ނިމުމުން އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ލުއިތަކެއް ލިބި، މުޅި ސަރަހައްދު ރަނގަޅު ނިޒާމަކުން ތަރުތީބު ވެގެންދާނެއެވެ.

ނިމިދިޔަ ޑިސެމްބަރު މަހުގެ މެދުތެރޭގައި ފެށި މި މަސައްކަތަކީ، ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން ބާޒާރުމަތީ މަގު ޒަމާނީ ފެންވަރަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅެއްކަން ފާހަގަކޮށްލެވެއެވެ. ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގައި ހިމެނެނީ ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރު ފެށޭ ހިސާބަށް އޮތް ސަރަހައްދެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.