އަންނަ ރޯދަ މަހަށް ދުރާލައި ތައްޔާރުވުމުގެ ގޮތުން، އަންނަ އާދިއްތަ ދުވަހުން ފެށިގެން މާލެއާއި ހުޅުމާލޭގައި ކުނި ނަގާ ގަޑިތަކަށް ވެމްކޯއިން ބަދަލު ގެނެސްފިއެވެ.
ވެމްކޯއިން މިއަދު ހާމަކުރި ގޮތުގައި، ކުނި ނަގާ ގަޑިތަކަށް ގެނައި މި ބަދަލުތަކަށް އަމަލުކުރަން ފަށާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ ހަ ރޯދަ ނިމެންދެނެވެ. މި ބަދަލުތައް މިއަހަރު ނިސްބަތުން އަވަހަށް ގެނައުމުގެ މައިގަނޑު ބޭނުމަކީ ރޯދަ މަހަށް ވީހާވެސް ބޮޑަށް ދުރާލައި ތައްޔާރުވުން ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
މި ގެނައި ބަދަލުތަކާއެކު މާލޭގައި ކުނި ނަގަމުންދާނީ ރޭގަނޑު 8:30 އިން ފެށިގެން މެންދަމު 2:00 އަށެވެ. އަދި ހުޅުމާލޭގައި ކުނި ނަގާ ގަޑިތަކަށް ބަލާއިރު، އެ އަވަށުގައި ކުނި ނަގަމުން ގެންދާނީ ރޭގަނޑު 9:00 އިން ފެށިގެން މެންދަމު 2:30 އަށެވެ.
މާލެއާއި ހުޅުމާލޭގެ ގަޑިތަކަށް އަންނަ އާދިއްތަ ދުވަހުން ފެށިގެން ބަދަލު ގެނައި ނަމަވެސް، ވިލިމާލޭގައި ކުނި ނަގާ ގަޑިތަކަށް ބަދަލު އަންނާނީ މުލަ ރޯދަ ދުވަހުން ފެށިގެންނެވެ. އެގޮތުން ރޯދަ މަހާއި ހަ ރޯދައިގެ ދުވަސްތަކުގައި ވިލިމާލޭގައި ކުނި ނަގަމުން ގެންދާނީ ރޭގަނޑު 9:00 އިން ދަންވަރު 1:00 އަށެވެ. އެހެންކަމުން ކަނޑައެޅިފައިވާ ގަޑިތަކަށް ސަމާލުވެ ކުނި ނެރުމަށް ވެމްކޯއިން އެދެއެވެ.
ކޮމެންޓު ފޮނުވާ