ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންވާ ކީމޯތެރަޕީގެ ޚިދުމަތް އަތޮޅުތެރެއަށް ފުޅާކުރެވިގެން ދިއުމަކީ، ސިއްހީ ދާއިރާއިން ދިވެހި ޤައުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީ ކެންސަރު ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ދެއްވި ޚާއްޞަ މެސެޖެއްގައި ރައީސް ވިދާޅުވީ، ކެންސަރާ ދެކޮޅަށް ޤައުމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއަކީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ކީމޯތެރަޕީގެ ޚިދުމަތް ދޭން ފެށުން ކަމަށެވެ. މާލެއިން ބޭރުގައި މި ޚިދުމަތް ޤާއިމުކުރެވުމުން، އަތޮޅުތަކުގައި ދިރިއުޅޭ ބަލިމީހުންނަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ މަގުފަހިވެ، އާއިލާތަކުން އުފުލަންޖެހޭ މާލީ އަދި ނަފްސާނީ ބުރައަށް ބޮޑު ލުޔެއް ލިބިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އުނގޫފާރު ހޮސްޕިޓަލުގައި މި ޚިދުމަތް ފަށާފައިވަނީ ފާއިތުވި ޖެނުއަރީ މަހު ކަމަށްވާއިރު، މިއީ މާލެއިން ބޭރުން މި ޚިދުމަތް ދޭންފެށި 4 ވަނަ ހޮސްޕިޓަލެވެ.
ކެންސަރު ބައްޔާ ހިތްވަރާއެކު ކުރިމަތިލަމުންދާ ފަރާތްތަކާއި ބަލިން ފަސޭހަވެފައިވާ ފަރާތްތަކުގެ އަގުވަޒަންކުރައްވައި ރައީސް ވިދާޅުވީ، އެފަރާތްތަކުގެ ސާބިތުކަމަކީ މުޅި މުޖުތަމަޢަށް ލިބޭ ނުހަނު ބޮޑު ހިތްވަރެއް ކަމަށެވެ. އަދި މި ނުރައްކާތެރި ބަލީގައި ކޮންމެ އަހަރަކުވެސް ގެއްލިގެންދާ ފުރާނަތަކަކީ، ބައްޔާމެދު ހޭލުންތެރިކަން އިތުރުކޮށް، ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވަރުގަދަކުރުމަށް ލިބޭ އިންޒާރެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. މީގެއިތުރުން، ސިއްހީ ޚިދުމަތްތެރިންނާއި މަދަނީ ޖަމިއްޔާތަކުން ބަލިމީހުންނަށް ފޯރުކޮށްދޭ އޯގާތެރި ޚިދުމަތާއި އިރުޝާދުތަކަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އާސަންދައިގެ ތަފާސްހިސާބުތައް ދައްކާގޮތުން ދިވެހިން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ ކެންސަރު ބައްޔެވެ. އެހެންކަމުން އަތޮޅުތެރޭގައި މިފަދަ ޚިދުމަތްތައް ފުޅާކުރުމަކީ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއިފަސޭހައެކެވެ.
ކޮމެންޓު ފޮނުވާ