ދިވެހިރާއްޖޭގެ ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް، ކުރިންވެސް އެ ކޯޓުގައި މަސައްކަތްކުރެއްވި އަލްއުސްތާޞު އަބްދުއްރައޫފް އިބްރާހިމާއި ކްރިމިނަލް ކޯޓުގެ ގާޒީ އަލްއުސްތާޞު އިސްމާއިލް ޝަފީއު އައްޔަންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ. ހައި ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 19 ބޭފުޅަކު ކުރިމަތިލެއްވިއިރު، ކޮމިޝަނުން މި ދެ ބޭފުޅުން ހޮވާފައިވަނީ އެ ފަރާތްތަކުގެ ތެރެއިންނެވެ.
ހައި ކޯޓަށް އައްޔަންކުރާ ދެ ފަނޑިޔާރުންގެ އިތުރުން، ކްރިމިނަލް ކޯޓުން ހުސްވެފައިވާ ގާޒީކަމުގެ މަގާމަށް ލ. ކަލައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޞު އަހުމަދު ނިޔާޒު އައްޔަންކުރުމަށްވެސް ޖޭއެސްސީން ވަނީ ނިންމާފައެވެ. އަލަށް އައްޔަންކުރެވުނު މި ފަނޑިޔާރުން މަގާމުގެ ހުވާކުރެއްވުމާއި، މަގާމުގެ ފަތްކޮޅު އެރުވުމުގެ ޚާއްސަ ރަސްމިއްޔާތު މިރޭ ސުޕްރީމް ކޯޓުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ހައި ކޯޓުގެ ބެންޗުން ދެ މަގާމު ހުސްވެގެން ދިޔައީ، އެ ކޯޓުގައި ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި ފަނޑިޔާރު އަލްއުސްތާޞު މުހައްމަދު ނިޔާޒު ރިޓަޔާ ކުރެއްވުމާއި، ފަނޑިޔާރު އަލްއުސްތާޞު މުހައްމަދު ފައިސަލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ހަމައެއާއެކު، ކްރިމިނަލް ކޯޓުން ގާޒީކަމުގެ މަގާމެއް ހުސްވީ ގާޒީ ހުސައިން ފާއިޒް ރަޝާދު މަގާމުން ވަކިކުރުމާ ގުޅިގެން ކަމަށްވާއިރު، އަލަށް އައްޔަންކުރެވުނު ފަނޑިޔާރުންނާއެކު މި ކޯޓުތަކުގެ މަސައްކަތްތައް އިތުރަށް ހަލުވިވެގެންދާނެ ކަމަށް ބެލެވެއެވެ.
ކޮމެންޓު ފޮނުވާ