ހއ. ބާރަށާއި ށ. ފުނަދޫގައި ފަތުރުވެރިކަމުގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން، އެ ދެ ރަށުގައި ޓޫރިސްޓް ހޮޓާ ތަރައްޤީކޮށް ހިންގާނެ ފަރާތްތައް ހޯދުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ބީލަމަށް ހުޅުވާލައިފިއެވެ. މި މަޝްރޫޢުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގައި މަދުވެގެން 50 ކޮޓަރީގެ ހޮޓާ ތަރައްޤީކުރަން ޖެހޭނެ ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ.
މި މަޝްރޫޢުތަކަށް ކަނޑައަޅާފައިވާ ބިންތަކަށް ބަލާއިރު، ބާރަށު ޓޫރިޒަމް ޒޯނުން 71,832 އަކަމީޓަރުގެ ބިމެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ށ. ފުނަދޫގައި ޓޫރިސްޓް ހޮޓާ ތަރައްޤީކުރުމަށް ޚާއްޞަކޮށްފައިވަނީ ތިން ހެކްޓަރުގެ ބިމެކެވެ. މި ދެ ރަށުގެ މަޝްރޫޢަށް ޝައުގުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުންތައް ބޭއްވުމަށް ތާވަލުކޮށްފައިވަނީ 2026 ފެބުރުވަރީ 23 ވާ ހޯމަ ދުވަހުއެވެ. އެގޮތުން ބާރަށު މަޝްރޫޢުގެ ބައްދަލުވުން އެ ދުވަހުގެ ހެނދުނު 10:00 ގައި އޮންނައިރު، ފުނަދޫ މަޝްރޫޢުގެ މަޢުލޫމާތު ދިނުން އޮންނާނީ ހެނދުނު 11:00 ގައެވެ.
މި ބައްދަލުވުންތަކުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، 2026 ފެބުރުވަރީ 22 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރަން ޖެހޭނެއެވެ. ބީލަން ހުށަހެޅުން އޮންނާނީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގައެވެ.
ބީލަން ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 2026 މާރިޗު 31 ވާ އަންގާރަ ދުވަހެވެ. އެ ދުވަހުގެ ހެނދުނު 10:00 ގައި ބާރަށު މަޝްރޫޢުގެ ބީލަން ހުށަހެޅުން އޮންނައިރު، ފުނަދޫ މަޝްރޫޢުގެ ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ އެ ދުވަހުގެ މެންދުރު 12:00 އެވެ.
ކޮމެންޓު ފޮނުވާ