މިދިޔަ ހަފުތާގައި މާލެ ސަރަހައްދުގައި 67 އެކްސިޑެންޓު: ގިނައީ ދުވާލު ހިނގި އެކްސިޑެންޓްތައް

މިދިޔަ ހަފުތާގައި މާލެ ސަރަހައްދުގައި 67 އެކްސިޑެންޓު: ގިނައީ ދުވާލު ހިނގި އެކްސިޑެންޓްތައް

Author
ހުސައިން
15 ޖެނުއަރީ 2026 10:32
0

މާލެ ސަރަހައްދުގެ ޓްރެފިކް މައްސަލަތައް އިންތިހާއަށް ބޮޑުވެފައިވާއިރު، ފާއިތުވި ހަފުތާގެ ތެރޭގައި އެކަނިވެސް މާލެއާއި ބުރިޖު ހިމެނޭހެން 67 އެކްސިޑެންޓް ހިނގާފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ފުލުހުން މިހާރު ކޮންމެ ހަފުތާއަކު އާންމުކުރަމުންދާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފުތާގައި ހިނގި އެކްސިޑެންޓްތަކުގެ ތެރެއިން ބޮޑު ބައެއް ހިއްސާކުރަނީ މާލެއެވެ. އެގޮތުން ޖުމުލަ އެކްސިޑެންޓްތަކުގެ ތެރެއިން 56 ހާދިސާ ހިނގާފައިވަނީ މާލޭގައެވެ.

ހަފުތާގެ ދުވަސްތަކަށް ބަލާއިރު އެންމެ ގިނަ އެކްސިޑެންޓް ރިޕޯޓުކޮށްފައިވަނީ އަންގާރަ ދުވަހުއެވެ. އެދުވަހު 13 އެކްސިޑެންޓް ހިނގިއިރު، ޖެހިގެން އައި ބުދަ ދުވަހުވެސް 12 އެކްސިޑެންޓް ރިޕޯޓުކޮށްފައިވެއެވެ. ފާހަގަކޮށްލެވޭ ކަމަކީ ގިނަ އެކްސިޑެންޓްތައް ހިނގާފައިވަނީ ދުވާލުގެ ވަގުތުތަކުގައި ކަމަށް ވުމެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ދުވާލު 46 އެކްސިޑެންޓް ހިނގިއިރު ރޭގަނޑު ހިނގާފައިވަނީ 21 އެކްސިޑެންޓެވެ. މި ހާދިސާތަކުގެ ބާވަތަށް ބަލާއިރު، ސައިކަލާއި ސައިކަލު ޖެހިގެންނާއި، ސައިކަލާއި ކާރު ޖެހިގެން ހިނގާފައިވާ އެކްސިޑެންޓްތައް ގިނަކަން ފާހަގަކުރެވެއެވެ. މީގެ ކޮންމެ ބާވަތަކުން 19 އެކްސިޑެންޓް ހިނގާފައިވާއިރު، ކާރާއި ކާރު ޖެހިގެންވެސް 6 އެކްސިޑެންޓް ހިނގާފައިވެއެވެ.

މި އެކްސިޑެންޓްތަކުގައި ޖުމުލަ 87 އުޅަނދަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވެއެވެ. ނަސީބަކުން މިދިޔަ ހަފުތާގައި ހިނގި 67 އެކްސިޑެންޓުގެ ތެރެއިން މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިވަނީ އެންމެ ހާދިސާއެއްގައެވެ. ބާކީ ހުރި 66 އެކްސިޑެންޓްގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވެއެވެ.

މާލެ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުމަކީ އާންމު ކަމަކަށް ވެފައިވާއިރު، މީގެ ކުރިން ހިނގާފައިވާ ބައެއް ހާދިސާތަކުގައި މީހުންގެ ފުރާނަ ގެއްލި އަދި ދާއިމީ ނުކުޅެދުންތެރިކަމާ ކުރިމަތިލާންޖެހިފައިވާކަން ފާހަގަކުރެވެއެވެ. މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމުގެ ގޮތުން ފުލުހުން މިހާރު އަންނަނީ ކޮންމެ ހަފުތާއަކުވެސް އެކްސިޑެންޓްތަކުގެ ތަފާސްހިސާބު އާންމުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.