ސާދަ ރަށެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އުމްރާނީ ތަރައްގީގެ 14 މަޝްރޫއެއްގެ އެއްބަސްވުންތަކުގައި މިއަދު ސޮއި ކޮށްފިއެވެ. މި އެއްބަސްވުންތަކުގައި ސޮއި ކުރެއްވީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން މިނިސްޓާ އޮފް ސްޓޭޓް އިސްމާއިލް ހަމީދާއި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރު ޑީސީޕީ (ރިޓަޔާރޑް) އަހްމަދު ސައުދީ އެވެ.
މި މަޝްރޫއުތަކުގެ ތެރޭގައި އުތުރާއި ދެކުނުގެ އެކި އަތޮޅުތަކުގެ ރަށްރަށުގައި ތަންފީޒުކުރާ މުހިންމު މަސައްކަތްތައް ހިމެނެއެވެ. ނ. ހެނބަދޫ، ހޮޅުދޫ، މާޅެންދޫއާއި މާފަރުގައި ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެއެވެ. އަދި ގއ. ކަނޑުުހުޅުދޫ، ދ. ބަނޑިދޫ، ހއ. ވަށަފަރާއި ފިއްލަދޫގައިވެސް ހަމަ މި ބާވަތުގެ މަސައްކަތްތައް ކުރިއަށް ގެންދާނެއެވެ.
ރ. އުނގޫފާރުގައި ބަނދަރު ތަރައްގީކުރުމާއި ހއ. މުރައިދޫގައި ބަނދަރު ބޭރުތޮށި ތަރައްގީކުރުމުގެ މަސައްކަތްތައްވެސް ހިމެނެއެވެ. ހއ. އިހަވަންދޫގައި އާޓިފިޝަލް ބީޗެއް ތަރައްގީކުރުމާއި ރ. އަލިފުށީގެ އިންޑަސްޓްރިއަލް ޒޯނުގައި ބިންހިއްކާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްތައްވެސް މި އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެއެވެ. ކ. ގާފަރުގައި ގޮނޑުދޮށް ހިމާޔަތްކުރުމާއި ގދ. ފަރެސްމާތޮޑާގައި މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްވެސް ކުރިއަށް ގެންދާނެއެވެ.
ކޮމެންޓު ފޮނުވާ