ވޭސްޓު މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ފާއިތުވި ދުވަސްތަކުގެ އިންޓާނަލް އޮޑިޓް ރިޕޯޓުތަކުން ފާހަގަކުރެވުނު މައްސަލަތަކާއި، މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް ހިންގާފައިވާ މުއާމަލާތްތަކުގެ ތަފްސީލު، ތަހުގީގު ކުރާ މުއައްސަސާތަކާ ހިއްސާކޮށްފައިވާކަން މިރޭ ނެރުނު ބަޔާނަކުން އެ ކުންފުނިން ހާމަކޮށްފިއެވެ.
ވެމްކޯގެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ކުންފުނީގެ މާލީ މުއާމަލާތްތަކުގައި ހުރި މައްސަލަތައް ދެނެގަތުމަށްޓަކައި، ކުންފުނީގެ އިސްނެގުމާއެކު ކަމާގުޅޭ ތަހުގީގީ މުއައްސަސާތަކަށް ބޭނުންވާ އެންމެހައި މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށެވެ. މީގެ އިތުރުން، އެ މުއައްސަސާތަކުން އިތުރަށް ހޯދުމަށް އެދުނު ލިޔެކިޔުންތަކާއި ތަފްސީލުތައް ވެސް ހިއްސާކޮށް، ތަހުގީގުތަކަށް ފުރިހަމަ އެއްބާރުލުން ދެމުންދާކަމަށް ވެމްކޯއިން ވަނީ ފާހަގަކޮށްފައެވެ.
މި ގޮތުން އޮޑިޓަރ ޖެނެރަލްގެ އޮފީސް، އެންޓި ކޮރަޕްޝަން ކޮމިޝަން އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް، ތަފާތު މައްސަލަތަކާ ގުޅޭ ލިޔުންތަކާއި ބޭނުންވާ މައުލޫމާތުތައް ފޯރުކޮށްދިން ކަމަށް ވެމްކޯއިން ބުނެއެވެ.
ވެމްކޯގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ރައްޔިތުންނާ ގުޅުންހުރި މާލީ މައްސަލަތައް ދިރާސާކޮށް، ކަމާބެހޭ އިދާރާތަކުން ބަލައި، ފިޔަވަޅު އެޅުމަށް ކުރަމުންދާ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. އަދި ވެމްކޯއާ ގުޅުންހުރި ކޮރަޕްޝަންގެ އަމަލުތަކުގައި ބައިވެރިވި ފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ކުށްވެރިވާ މީހުން ޝަރީއަތުގެ ކުރިމައްޗަށް ހާޒިރުކުރުމަށް މަސައްކަތްކުރާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ