ދުވުންތެރިންނާއި އާއްމުން ކަސްރަތަށް ބޭނުންކުރަމުން އައި ޑިމާންޑް ބޮޑު މާލޭ ކުޅިވަރު އެކުވެނީގެ ވެލި ޓްރެކުގައި ސިންތެޓިކް އަޅައި ޒަމާނީ ފެންވަރަށް ބަދަލުކޮށްފި އެވެ.
ސަރުކާރުން 1996 ވަނަ އަހަރު ތަރައްގީކުރި ވެލި ޓްރެކުގައި އާއްމުން ކަސްރަތުކުރުމުގެ އިތުރުން ބައެއް އަމިއްލަ އެކަޑަމީތަކާއި ކަސްރަތު ކްލާސްތައް ވެސް ބާއްވަ އެވެ. އަދި ހުޅުމާލޭގައި 2018 ވަނަ އަހަރު ސިންތެޓިކް ޓްރެކެއް އެޅުމާ ހަމަޔަށް އެތުލެޓިކްސް މުބާރާތްތަކާއި ޕްރެކްޓިސްތަކަށް އެތަން ބޭނުންކުރި އެވެ. އެއީ ރައީސް ޔާމީނުގެ ސަރުކާރުގައި އެޅި ތަނެކެވެ.
ދުވާ ޓްރެކެއްގެ ގޮތުގައި އެތަން އާއްމުކޮށް ބޭނުންކުރި ނަމަވެސް އެތަނުގެ މެދުގައި އޮންނަ ކްރިކެޓް ދަނޑުގެ މިންހަމަކުރަނީ އެ ޓްރެކް މަތިން ބައުންޑަރީ އަޅައިގެންނެވެ. އެހެންވެ ކްރިކެޓަށް ހާއްސަ ތަނެއް ހެދެންދެން، ސިންތެޓިކް ޓްރެކުގެ ބައެއް ކްރިކެޓުން ވެސް ބޭނުންކުރާނެ އެވެ. މިނިސްޓްރީން ބުނީ ކްރިކެޓަށް ހާއްސަ ގަޑީގައި ޓްރެކް ބަންދުވާނެ ކަމަށެވެ.
އިންޑިއާ ސަރުކާރުގެ އެހީގައި ތަރައްގީ ކުރި މި ޓްރެކުގެ އެންމެ ފަހުގެ މަސައްކަތްތައް ނިންމާލުމަށް ފަހު ވީ އެންމެ އަވަހަކަށް ހުޅުވަން އަންނަނީ ތައްޔާރުވަމުން ކަމަށެވެ.
ކޮމެންޓު ފޮނުވާ