މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތުގައި ފުލުހުންގެ ސްޕެޝަލް ކޮންސްޓަބަލަކަށް ދައުވާކޮށްފައިވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ. މި ދައުވާ ލިބިފައިވަނީ ގދ. ތިނަދޫގެ މުހައްމަދު ސާޖިދު އަހުމަދަށެވެ.
ވޭޕް ވިއްކުމުގެ ތުހުމަތުގައި ތިނަދޫން ހައްޔަރުކުރެވުނު ސާޖިދަކީ މިއަހަރުގެ މެއި މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޕޮލިސް ސްޕެޝަލް ކޮންސްޓަބަލެއްގެ ގޮތުގައި ޚިދުމަތްކުރަމުން އައި މީހެކެވެ. އޭނާގެ މައްޗަށް ކޮށްފައިވާ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވެއްޖެނަމަ، އުމުރަށް ޖަލަށްލުމުގެ އިތުރުން އެއް ލައްކަ ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެއެވެ.
ސާޖިދު ފުރަތަމަ ހައްޔަރުކުރެވުނީ އީ-ސިގިރޭޓް ގެންގުޅޭކަމުގެ ޝައްކުގައި ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ފެނުމުންނެވެ. ފުލުހުން އޭނާގެ ގެއާއި ސައިކަލު ފާސްކުރިއިރު ގިނަ އަދަދެއްގެ ދުންފަތާއި ނެނޯސްޓިކާއި ވޭޕާއި ވޭޕް ކާޓްރިޖުގެ އިތުރުން މަސްތުވާތަކެތި ކަމަށް ބެލެވޭ 191.92 ގްރާމްގެ ތަކެތި ފެނުނު ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
ނަމަވެސް ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ކޯޓު އަމުރު ސައްހަ ނޫންކަމަށް ކަނޑައަޅައި، ސާޖިދު ބަންދުން ދޫކޮށްލުމަށް ފުރަތަމަ އަމުރުކޮށްފައިވެއެވެ. މި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މިދިޔަ މަހުގެ 7 ގައި ބޭއްވުނު އަޑުއެހުމެއްގައި ސާޖިދުގެ ވަކީލު ހާމަކުރީ، އޭނާގެ މުވައްކިލަކީ މަގާމުގެ ހުވާކޮށްފައިވާ ފުލުހެއް ނޫންކަމަށެވެ.
މި ބަޔާން ދިނުމާ ގުޅިގެން، ހައިކޯޓުގެ ޝަރީއަތުގައި ދޮގު ހެކިބަސް ދިން ކަމުގެ ތުހުމަތުގައި ސާޖިދާމެދު ފިޔަވަޅު އެޅުމަށް ހައިކޯޓުން ނިންމިއެވެ. މި ނިންމުމާއެކު އޭނާ އަލުން ހައްޔަރުކޮށް، 20 ދުވަހަށް ބަންދުކުރުމަށް އަމުރުކުރިއެވެ.
ސާޖިދުގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި ނަމަވެސް، ފަހުން އޭނާ އަމިއްލައަށް އެ މައްސަލަ ނަގާފައިވާކަމަށް ރިޕޯޓުކުރެވެއެވެ. މި މައްސަލާ ގުޅިގެން ސާޖިދު މިހާރު ވަނީ ފުލުހުންގެ ވަޒީފާއިން ސަސްޕެންޑް ކުރެވިފައެވެ.
ކޮމެންޓު ފޮނުވާ