ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރަކަށް ހަމްދޫން ހަމީދު އައްޔަން ކުރެއްވި

ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރަކަށް ހަމްދޫން ހަމީދު އައްޔަން ކުރެއްވި

Author
އަހުމަދު
26 އޮގަސްޓް 2025 01:18
0

ފިނޭންސް އެންޑް ޕްލޭނިން މިނިސްޓަރު މޫސާ ޒަމީރުގެ އެޑްވައިޒަރަކަށް ކުރީގެ ޕްލޭނިން އެންޑް ނެޝަނަލް ޑިވެލޮޕްމަންޓް މިނިސްޓަރު ހަމްދޫން ހަމީދު އައްޔަންކުރައްވައިފިއެވެ. ހަމްދޫން މި މަގާމަށް އައްޔަން ކުރެއްވީ މިނިސްޓަރު ފެންވަރުގައި ކަމަށް ފިނޭންސް މިނިސްޓްރީން މައުލޫމާތު ދެއްވި އެވެ.

ހަމްދޫން ހަމީދަކީ ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި ދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ޕްލޭނިން މިނިސްޓަރުކަން ކުރެއްވުމުގެ އިތުރުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިންގަޕޫރުގައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރުގެ މަގާމު ވެސް ފުރުއްވާފައި ވެއެވެ.

މީގެ އިތުރުން ހަމްދޫން ހަމީދު ވަނީ ރައްޔިތުންގެ މަޖިލިހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާފައެވެ. މިހާރު އޭނާ އައްޔަންކުރެއްވީ ޕްލޭނިން މިނިސްޓްރީއާ ގުޅޭ ކަންކަމުގައި މިނިސްޓަރު މޫސާ ޒަމީރަށް ލަފާދެއްވުމަށް ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވި އެވެ.

ދައުލަތުގެ އިސް މަގާމުތަކުގައި ގިނަ އަހަރުތަކެއް ޚިދުމަތް ކުރެއްވި ތަޖުރިބާކާރު ބޭފުޅެއްގެ ގޮތުގައި ހަމްދޫން ހަމީދުގެ ލަފަޔާއި އިރުޝާދު، ޕްލޭނިން އަދި ފިނޭންސް ދާއިރާގެ ސިޔާސަތުތައް ކަނޑައެޅުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.