ދެކުނު ކޮރެއާގެ ރައީސްކަމުން ވަކިކުރެވިފައިވާ ޔޫން ސުކް ޔޯލްގެ އަނބިމީހާ ކިމް ކިއޯން ހީ (52) ސްޓޮކް މާކެޓް މެނިޕިއުލޭޝަން އަދި ރިޝްވަތު ނެގުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވެއެވެ. މިއީ ދެކުނު ކޮރެއާގެ ތާރީހުގައި ކުރީގެ ރައީސަކާއި އޭނާގެ އަނބިމީހާ އެއްވަގުތު ޖަލުގައި ތިބި ފުރަތަމަ ފަހަރެވެ.
އަންގާރަ ދުވަހު ކޯޓަށް ހާޒިރުކުރެވުނު ކިމް، އޭނާގެ މައްޗަށް ކުރެވޭ ހުރިހާ ތުހުމަތުތަކަށް އިންކާރުކޮށްފައިވެއެވެ. އެހެންނަމަވެސް، ހެއްކަށް ނުފޫޒު ފޯރުވުމުގެ ނުރައްކާ އޮތްކަމަށް ބުނެ ކޯޓުން ވަނީ އޭނާ ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ.
ޕްރޮސިކިއުޓަރުންގެ ތުހުމަތުގައި، ކިމް ވަނީ ދެކުނު ކޮރެއާގެ ބީއެމްޑަބްލިއު ޑީލަރު ޑޮއިޗް މޯޓާސްގެ ސްޓޮކް އަގުތައް އޮޅުވާލައިގެން 800 މިލިއަން ވޮން (ގާތްގަނޑަކަށް 577,940 އެމެރިކާ ޑޮލަރު) ހޯދާފައެވެ. މި މައްސަލަ ހިނގާފައިވަނީ ޔޫން ރައީސްކަމަށް އައުމުގެ ކުރިން ކަމަށް ވީނަމަވެސް، މިކަމުގެ ނުރަނގަޅު އަސަރު ވެރިކަމަށް ކުރިމަތިވި ކަމަށް ތުހުމަތު ކުރެވެއެވެ.
މީގެ އިތުރުން، ޔުނިފިކޭޝަން ޗާޗުން ރިޝްވަތުގެ ގޮތުގައި ގިނައަގު ޝެނެލް ހެންޑްބޭގުތަކާއި ޖަވާހިރު ލިބިގަތް ކަމުގެ ތުހުމަތު ވެސް ކިމްގެ މައްޗަށް ކުރެވެއެވެ. ހަމައެއާއެކު، 2022 ވަނަ އަހަރުގެ ޕާލިމަންޓް ބައި އިންތިޚާބާއި 2024 ވަނަ އަހަރުގެ އިންތިޚާބުގައި ކެންޑިޑޭޓުން ހޮވުމުގައި ނާޖާއިޒު ނުފޫޒު ފޯރުވި ކަމުގެ ތުހުމަތު ވެސް އޭނާގެ މައްޗަށް ކުރެވެއެވެ.
ކޯޓަށް ހާޒިރުވެ ނޫސްވެރިންނާ މުޚާތަބުކުރަމުން ކިމް ވިދާޅުވީ "އަހަރެން މާ މުހިންމު ބޭފުޅެއް ނޫން ކަމުގައި ވިޔަސް، އަހަރެންގެ ސަބަބުން ދިމާވި އުނދަގޫތަކަށް އިޚްލާސްތެރިކަމާއެކު މާފަށް އެދެން" ކަމަށެވެ.
ކިމްގެ ފިރިމީހާ ޔޫން ސުކް ޔޯލް ވަނީ ޑިސެންބަރު މަހު ގާނޫނުއަސާސީ ހިފަހައްޓައި މާޝަލް ލޯ އިއުލާންކުރުމަށް ކުރި މަސައްކަތް ފެއިލްވެ، ޤައުމުގައި ސިޔާސީ ކޮޅުބޮޅުންތަކެއް އުފެދުމަށްފަހު، ޕާލިމަންޓުން އިމްޕީޗްކޮށް ރައީސްކަމުން ވަކިކޮށްފައެވެ. އޭނާ ވެސް މިހާރު ވަނީ ބަންދުކޮށްފައެވެ.
ކޮމެންޓު ފޮނުވާ