ވެލާނާ ބައިނަލްއަޤުވާމީ އެއަރޕޯޓްގެ އައު ޓާމިނަލް ހުޅުވުމުގެ ތައްޔާރީތަކުގެ ތެރޭގައި ހިމެނޭ ހަވާއެރުވުމުގެ ޕްރޮގްރާމް ހަވާލުކޮށްފައިވަނީ އިސްރާއީލާ ގުޅުންހުރި ކުންފުންޏަކާ ކަމަށް ބުނެ ފެތުރުނު ވާހަކަތައް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ވަނީ ދޮގުކޮށްފިއެވެ.
މި މަހުގެ 26 ވަނަ ދުވަހު ހުޅުވުމަށް ހަމަޖެހިފައިވާ އައު ޓާމިނަލްގެ ތައްޔާރީތަކާ ގުޅިގެން ބައެއް މީޑިއާތަކުގައި ޝާއިޢުކުރި ޚަބަރުތަކުގައި، ހަވާއެރުވުމުގެ މަސައްކަތް ހަވާލުކުރީ ޔަހޫދީ ދައުލަތާ ގުޅުންހުރި ވިޔަފާރިއަކާ ކަމަށް ބުނެފައިވެއެވެ.
އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ލަމްޢާން މި ވާހަކަތަކަށް ރައްދުދެއްވަމުން ވިދާޅުވީ، އިސްރާއީލާ ގުޅުންހުރި އެއްވެސް ވިޔަފާރިއަކާ އެކުންފުނިން މުޢާމަލާތެއް ނުކުރާ ކަމަށާއި، މިފަދަ އެއްވެސް އެއްބަސްވުމެއް ވެފައިނުވާނެ ކަމަށެވެ.
އައު ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ހިމެނޭ ހަވާއެރުވުމުގެ ޕްރޮގްރާމް ކުރިއަށް ގެންދާނީ ދުނިޔޭގެ ފެންވަރުގައި މިފަދަ ކަންކަމުގައި ތަޖުރިބާ ލިބިފައިވާ ޕްރޮފެޝަނަލް ކުންފުންޏަކުން ކަމަށާއި، މި މަސައްކަތް ކުރިއަށްދާނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާ ގުޅިގެން ކަމަށް ލަމްޢާން ފާހަގަކުރެއްވިއެވެ.
އަހަރަކު 7 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތް ފޯރުކޮށްދެވޭ ފެންވަރަށް ޑިޒައިންކޮށްފައިވާ މި އައު ޓާމިނަލް ހުޅުވުމަށް މިހާރު ކުރިއަށްދަނީ އެންމެ ފަހުގެ ތައްޔާރީތައް ކަމަށް އެމްއޭސީއެލްއިން ބުނެއެވެ. މި ޓާމިނަލަކީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އިތުރަށް ފުޅާކުރުމަށް މުހިންމު ދައުރެއް އަދާކުރާނެ އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓެކެވެ.
ކޮމެންޓު ފޮނުވާ