ކޮނޑޭގައި ގައުމީ ފުޑް ސެކިއުރިޓީ މަޝްރޫއެއް ގާއިމުކުރަން ބޭނުންވާ ބިން ސަރުކާރާ ހަވާލުކޮށްފި

ކޮނޑޭގައި ގައުމީ ފުޑް ސެކިއުރިޓީ މަޝްރޫއެއް ގާއިމުކުރަން ބޭނުންވާ ބިން ސަރުކާރާ ހަވާލުކޮށްފި

Author
ހުސައިން
15 ޖޫން 2025 02:05
0

ގއ. ކޮނޑޭގައި ގައުމީ ފެންވަރުގެ ފުޑް ސެކިއުރިޓީ މަޝްރޫއެއް ގާއިމުކުރުމަށް ބޭނުންވާ ބިން، އެރަށު ކައުންސިލުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާއަށް ހަވާލުކޮށްފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ވައުދުފުޅެއް ތަންފީޒުކުރުމުގެ ގޮތުން ނަގާފައިވާ މުހިންމު ފިޔަވަޅެކެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާގައި ބޭއްވުނު ރަސްމިއްޔާތެއްގައި ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަވެ. މި ރަސްމިއްޔާތުގައި ވަޒީރު ޑރ. މަރްޔަމް މާރިޔާގެ އިތުރުން ވުޒާރާގެ އިސްވެރިންނާއި ކޮނޑޭ ކައުންސިލުގެ މެންބަރުން ބައިވެރިވިއެވެ. ކޮނޑޭ ކައުންސިލުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ ކައުންސިލްގެ ރައީސް އަހްމަދު އަބްދުލްކަރީމް ކަމަށްވާއިރު، ވުޒާރާގެ ފަރާތުން ސޮއިކުރީ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު އަނީސެވެ.

މި މަޝްރޫއު ފެށުމާ ގުޅިގެން ވާހަކަދައްކަވަމުން ވަޒީރު ޑރ. މަރްޔަމް މާރިޔާ ފާހަގަކުރެއްވީ، ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ މިހާރުގެ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށެވެ. ވަޒީރު ވިދާޅުވި ގޮތުގައި، ދިވެހިރާއްޖެ ކާބޯތަކެތި ހޯދުމުގައި ބޭރު ގައުމުތަކަށް ބަރޯސާވާ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަކަމުން، ރައީސް ޑރ. މުއިއްޒުގެ ތަސައްވުރާ އެއްގޮތަށް އަމިއްލަފުޅަށް ދުވެ، ކާބޯތަކެތީގެ ފުދުންތެރިކަން ހޯދުމަކީ ނުހަނު މުހިންމު ކަމެކެވެ.

ކާބޯތަކެތީގެ މިނިވަންކަން ހޯދުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މިކަމަކީ ހަމައެކަނި އިގްތިސާދީ މައްސަލައެއް ނޫންކަމަށާއި، މިއީ ދިވެހިންގެ އަމިއްލަވަންތަކަން ރައްކާތެރިކުރުމާއި، ދިވެހި ކާނާގެ ހަރުދަނާ ސަގާފަތް ދަމަހައްޓައި، އަންނަން އޮތް ޖީލުތަކަށް ސިއްހީ ގޮތުން ރައްކާތެރި މުސްތަގްބަލެއް ހޯދައިދިނުމުގެ މުހިންމު މަސައްކަތެއް ކަމަށެވެ.

ދިވެހި މުޖުތަމައުގެ ތާރީހަށް ބަލާއިރު، ޒަމާނުއްސުރެ ދިވެހިން ދިރިއުޅެމުން އައީ އަމިއްލަ ފުދުންތެރިކަމުގެ މައްޗަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. ކޮންމެ ރަށެއްގައިވެސް ގާއިމުކޮށްފައި ހުންނަ ދަނޑުބިންތަކާއި، ކަނޑުގެ ލާމަސީލު މުއްސަނދިކަމާއި، ގޯތިތެރޭގައި ހައްދާ ގިނަގުނަ ބާވަތްތަކުގެ މޭވާއާއި ތަރުކާރީއަކީ ދިވެހިންގެ ފުދުންތެރިކަމުގެ ވަރަށް ސާފު ހެއްކެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ކޮނޑޭގައި ގާއިމުކުރެވޭ މި ގައުމީ ފުޑް ސެކިއުރިޓީ މަޝްރޫއަކީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް، ބޭރުގެ އިމްޕޯޓަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.