ހއ. ބާރަށުގައި ސިހުރު ހެދުމުގެ ތުހުމަތުގައި ހިންގުނު ޚާއްސަ އޮޕަރޭޝަން

ހއ. ބާރަށުގައި ސިހުރު ހެދުމުގެ ތުހުމަތުގައި ހިންގުނު ޚާއްސަ އޮޕަރޭޝަން

Author
ހުސައިން
05 މެއި 2025 07:38
0

ހއ. ބާރަށުގައި ސިހުރު ހެދުމުގެ ތުހުމަތުގައި ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފިއެވެ. ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، މިއަދު ހެނދުނު 7:00 ގައި ފެށުނު މި އޮޕަރޭޝަނުގައި އެ ރަށުގެ 8 ތަނެއް ބަލައި ފާސްކޮށްފައިވާކަމަށް ފުލުހުންގެ މީޑިއާ އޮފިސަރު މަޢުލޫމާތު ދެއްވިއެވެ.

އޮޕަރޭޝަނުގައި މައްސަލައާ ގުޅުންހުރިކަމަށް ބެލެވޭ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށާއި، މި މައްސަލައިގެ ތުހުމަތުގައި 8 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އެ މީހުންނާއި ސުވާލުކުރުމަށްފަހު މިހާރު ދޫކޮށްލާފައިވާކަމަށް އޮފިސަރު އިތުރަށް ވިދާޅުވިއެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙްޤީޤުކުރަމުންނެވެ.

ރާއްޖޭގައި ސިހުރާ ގުޅުންހުރި މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ. މިދިޔަ މަހުގެ ކުރީކޮޅު ވެސް ހއ. ހޯރަފުށީގައި ހިންގި އޮޕަރޭޝަނެއްގައި ސިހުރު ހަދާކަމަށް ތުހުމަތުކުރެވޭ ވ. ކެޔޮދޫ / ތިބުރޯޒުގެ 34 އަހަރުގެ މުޙައްމަދު ޢަބްދުލްކަރީމް ހައްޔަރުކޮށްފައިވެއެވެ.

މީގެ އިތުރުން، މިއަހަރުގެ ފެބުރުއަރީ މަހު ކުޅުދުއްފުށި ސިޓީގައި ވެސް ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ. ކޯޓު އަމުރެއްގެ ދަށުން ހިންގުނު މި އޮޕަރޭޝަނުގައި 10 ގެއެއް ބަލައި ފާސްކޮށްފައިވާއިރު، އޭގެ ތެރެއިން 8 ގެއަކުން ސިހުރު ހާހޫރަ ހަދަން ބޭނުންކުރާ ލިޔެކިޔުމާއި ފޮތްތަކާއި އެކި ބާވަތުގެ އާލާތްތައް ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރިކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.