އުރީދޫ މޯލްޑިވްސްއިން ކަނޑުއަޑީގައި ދުނިޔޭގެ އެންމެ ބޮޑު ޕެނަލް ޑިސްކަޝަން ބާއްވައި ގިނިސް ރެކޯޑެއް ހަދައިފި

އުރީދޫ މޯލްޑިވްސްއިން ކަނޑުއަޑީގައި ދުނިޔޭގެ އެންމެ ބޮޑު ޕެނަލް ޑިސްކަޝަން ބާއްވައި ގިނިސް ރެކޯޑެއް ހަދައިފި

Author
ހުސައިން
04 މެއި 2025 02:44
0

އުރީދޫ މޯލްޑިވްސްއިން އެކުންފުނީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބ.ފުޅަދޫގެ ކަނޑުގެ އަޑީގައި ދުނިޔޭގެ އެންމެ ބޮޑު ޕެނަލް ޑިސްކަޝަން ބާއްވައި، ގިނިސް ވާރލްޑް ރެކޯޑެއް ހެދުމުގައި ކާމިޔާބު ހޯދާފިއެވެ. މި ތާރީޚީ އިވެންޓުގައި 20 މީހުން ބައިވެރިވެފައިވާއިރު، ޕެނަލިސްޓުންގެ ގޮތުގައި ފަސް ބޭފުޅުން ހަރަކާތްތެރިވިއެވެ.

މި އިވެންޓުގައި ޕެނަލިސްޓުންގެ ގޮތުގައި ހަރަކާތްތެރިވީ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމް، އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީ، ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމް، އުރީދޫ މޯލްޑިވްސްގެ ޑިރެކްޓަރ އޮފް އޮޕަރޭޝަންސް ޝަބީން އަލީ އަދި އުރީދޫ މޯލްޑިވްސްގެ ސީނިއަރ މެނޭޖަރ، ޓްރާންސްމިޝަން އަފްޝީން މުޙައްމަދު އެވެ.

ގިނިސް ވާރލްޑް ރެކޯޑު ހެދުމަށްޓަކައި ކޮންމެ ޕެނަލިސްޓަކު ކަނޑު އަޑީގައި 2 މިނެޓަށް ވުރެ ގިނައިރު ވާހަކަ ދައްކަވާފައިވެއެވެ. މި ޕެނަލް ޑިސްކަޝަންގެ އޯޑިއަންސްގެ ގޮތުގައި އެމް.އެމް.ޕީ.އާރު.ސީގެ މެނޭޖިންގ ޑިރެކްޓަރ ޝިއުރީ އިބްރާހިމް އާއި އުރީދޫގެ އިސް ވެރިންވެސް ބައިވެރިވެވަޑައިގަތެވެ.

މި ރެކޯޑާއި ގުޅިގެން އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ މިއީ ހަމައެކަނި ރެކޯޑެއް ހެދުމަށް ވުރެ ބޮޑު ކަމެއްކަމަށެވެ. "މިއީ އިނޮވޭޝަންގައި އެއްވެސް ލިމިޓެއް ނެތްކަން ސާބިތުކޮށްދިނުމެވެ. ދުނިޔޭގެ އެންމެ ބޮޑު ކަނޑުއަޑީގެ ޕެނަލް ޑިސްކަޝަން ބޭއްވުމަކީ އަޅުގަނޑުމެން ފަޚުރުވެރިވާ ކަމެއް" އޭނާ ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސްއަކީ ފެށުނީއްސުރެ ޓެކްނޮލޮޖީގެ ކުރިއެރުމުގައި ކުރީ ސަފުގައި ހަރަކާތްތެރިވާ ކުންފުނިއެކެވެ. ގައުމު ޑިޖިޓަލްވަމުންދާ މި ދަނޑިވަޅުގައި އެކުންފުނިން އަމިއްލަ ފަރުދުންނާއި، މުޖުތަމައުތަކާއި ސިނާއަތްތަކަށް ލިބެންހުރި ފުރުސަތުތައް ހުޅުވާލައި، އިތުރު ކުރުމުގެ މަސައްކަތް ކުރަމުން ގެންދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.