ކޮމިޝަނާ އޮފް ޕޮލިސްގެ މަޤާމުން އަލީ ޝުޖާއު އިސްތިއުފާ ދެއްވުމާ ގުޅިގެން ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެކަމަށް ތަޢުރީފުކުރައްވައިފިއެވެ.
ސޯޝަލް މީޑިއާގައި ރައީސް ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، "ޕޮލިސް ކޮމިޝަނާ އަލީ ޝުޖާއުއަށް މަރުޙަބާ" ކަމަށެވެ. އަދި ކަންކަމުގައި ޒިންމާ ނެގުމަށް ނުވަތަ އިތުރަށް މައްސަލަ ހޫނުވިޔަ ނުދިނުމަށް އިސްތިއުފާ ދިނުމަކީ އެންމެ ރިވެތި ޑިމޮކްރެޓިކް އުސޫލު ކަމަށްވެސް ފާހަގަކުރައްވާފައިވެއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވެފައިވަނީ އަބަދުވެސް އިސްކަން ދޭންޖެހޭނީ ރާއްޖޭގެ ރައްޔިތުންގެ ހެވާއި ލާބައަށް ކަމަށެވެ.
ކޮމިޝަނާ ޝުޖާއު ވަނީ މިރޭ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވާފައެވެ. ނަމަވެސް އެމަނިކުފާނު އިސްތިއުފާ ދެއްވި ސަބަބެއް މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ. މި އިސްތިއުފާ ދެއްވާފައިވަނީ ހ. ފެންޓެނޯއީގޭގެ ނުވަވަނަ ފްލޯގެ ކުޑަދޮރަކުން މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ގ. ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު (21 އ) ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލައިގައި ފުލުހުން ދޮގު ހަދާ ކަމަށް ބުނެ މުޒާހަރާ ކުރަމުންދާ މީހުން ޝުޖާއުގެ އިސްތިއުފާއަށް ގޮވަމުން ދަނިކޮށެވެ.
އަލީ ޝުޖާއު ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ ކޮމިޝަނާ އޮފް ޕޮލިސްގެ މަޤާމަށް 2023 ވަނަ އަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހު އައްޔަންކުރެވިފައެވެ.
ކޮމެންޓު ފޮނުވާ