އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހަނގުރާމަވެރި ޙާލަތެއް އުފެދިއްޖެ، ނަޝީދު ވިދާޅުވަނީ ރާއްޖެ ތައްޔާރުވާންޖެހޭ ކަމަށް

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހަނގުރާމަވެރި ޙާލަތެއް އުފެދިއްޖެ، ނަޝީދު ވިދާޅުވަނީ ރާއްޖެ ތައްޔާރުވާންޖެހޭ ކަމަށް

Author
ހުސައިން
27 އޭޕްރިލް 2025 07:55
0

ކަޝްމީރުގެ އިންޑިއާގެ ފަރާތަށް ނިސްބަތްވާ ޓޫރިސްޓް ސަރަޙައްދެއް ކަމަށްވާ ޕަހަލްގާމުގައި ޓެރަރިސްޓް ޙަމަލާއެއް ދީ 26 މީހުން މަރާލުމާ ގުޅިގެން އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހަނގުރާމަވެރި ޙާލަތަކަށް ކަންތައް ގޮސްފައިވާ ކަމަށާއި އޭގެ ސަބަބުން ރާއްޖެއަށްވެސް އެކި ގޮތްގޮތުން އަސަރުކުރާނެތީ، އެކަމަށް ތައްޔާރުވާންޖެހޭ ކަމަށް ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޕަހަލްގާމުގައި ދިން މި ޙަމަލާއަކީ "ދަ ރެސިސްޓެންސް ފްރޮންޓް (ޓީއާރްއެފް)" ނަމަކަށް ކިޔާ ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާޢަތަކުން ޒިންމާ ނަގާފައިވާ ޙަމަލާއެކެވެ. އިންޑިއާގެ ފަރާތުން ތުހުމަތުކުރަނީ ޓީއާރްއެފްއަކީ ޕާކިސްތާނު ސަރުކާރާ ގުޅުންހުރި ޖަމާޢަތެއް ކަމަށެވެ.

މި ޙާދިސާއާ ގުޅިގެން ދެ ޤައުމުގެ ބޯޑަރުގައި އަންނަނީ ދެ ޤައުމުގެ ސިފައިން ހަމަލާތައް ބަދަލުކުރަމުންނެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވެފައިވަނީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ފުރިހަމަ ހަނގުރާމައެއް ފެށިއްޖެ ކަމަށާއި، އެކަމުގެ ސަބަބުން ދެކުނު އޭޝިއާއަށާއި، އިންޑިއާ ކަނޑަށާއި، އަދި ރާއްޖެއަށްވެސް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށެވެ. މިގޮތުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށާއި، އިޤްތިޞާދަށް ކޮށްފާނެ އަސަރުތަކަށް ތައްޔާރުވާން ޖެހޭކަމަށް ނަޝީދު ވިދާޅުވިއެވެ.

ޕަހަލްގާމަށް ދިން ޓެރަރިސްޓް ޙަމަލާއާ ގުޅިގެން، ޕާކިސްތާނާ ދެކޮޅަށް އިންޑިއާއިން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އޭގެތެރޭގައި ހިމެނެނީ އިންޑިއާއިން ހިއްސާކުރާ ކޯރުތަކުން ޕާކިސްތާނަށް ފެން ލިބޭގޮތަށް އޮންނަ ދެ ޤައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަށް ޢަމަލުކުރުން ހުއްޓާލުމާއި، އިންޑިއާއިން ޕާކިސްތާނު ރައްޔިތުންނަށް ވިސާ ދިނުން ހުއްޓާލުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.