ވެމްކޯއިން އަހަރެއްގެތެރޭ 50 ފަގީރުންނަށް ވަޒީފާ ހަމަޖައްސައިދެނީ

ވެމްކޯއިން އަހަރެއްގެތެރޭ 50 ފަގީރުންނަށް ވަޒީފާ ހަމަޖައްސައިދެނީ

Author
ހުސައިން
18 އޭޕްރިލް 2025 10:45
0

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ފަގީރުންނަށް ވަޒީފާ ހޯދައިދިނުމުގެ މަސައްކަތް ފަށައިފިއެވެ. މިކަމާ ގުޅޭގޮތުން ވެމްކޯއިން ވަނީ އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ވެމްކޯއިން މަޢުލޫމާތު ދެއްވިގޮތުގައި މި އެއްބަސްވުމުގެ ދަށުން ވަޒީފާ ހޯދައިދިނުމަށް ނިންމާފައިވަނީ 'ހާލު ކިހިނެއް' ޕްރޮގްރާމްގެ ދަށުން ފާހަގަ ކުރެވޭ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި، އިޤްތިޞާދީ ގޮތުން ނިކަމެތި ޙާލަތުގައި ދިރިއުޅޭ ފަރާތްތަކަށެވެ. މި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް އަހަރު ތެރޭގައި މަދުވެގެން 50 ފަރާތަކަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމަށް ވެމްކޯއިން ވަނީ ނިންމާފައެވެ.

އަދި މި މަސައްކަތުގެ ކާމިޔާބީ ބެލުމަށްފަހު، ކުރިއަށް އޮތް ތަނުގައި ވަޒީފާގެ އިތުރު ފުރުޞަތުތައް ހޯދައިދިނުމަށްވެސް ވެމްކޯއިން ވަނީ އެއްބަސްވެފައެވެ. ވަޒީފާ ދިނުމުގައި ބަލާނެ ވަކި މިންގަނޑުތަކެއްވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި، އެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރަށް ބެލޭނެއެވެ.

ވެމްކޯއިން ހާމަކުރިގޮތުގައި މި ޕްރޮގްރާމްގެ މައިގަނޑު ބޭނުމަކީ އާއިލާތަކުގެ ފުދުންތެރިކަން އިތުރުކޮށް، އެހެން ފަރާތްތަކަށް ބަރޯސާވުން ކުޑަކުރުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމިއްލަ މަސައްކަތުން ކުރިއަށްދެވޭނެ މަގު ތަނަވަސްކޮށްދިނުމެވެ.

ކުނި އުކާލުމުގެ މަސައްކަތް ކުރަމުން އަންނަ ވެމްކޯއިން މިހާރު ވަނީ އެ ކުންފުނީގެ ވިޔަފާރި ފުޅާކުރަން ފަށާފައެވެ. އެގޮތުން ކުނި އުކާލުމުގެ އިތުރުން ސަރުކާރު އޮފީސްތަކާއި ކުންފުނިތައް ފޮޅާ ސާފުކޮށްދިނުމުގެ މަސައްކަތްވެސް ވެމްކޯއިން ވަނީ ފަށާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.