ވިއްސާރަވެ މާލޭގެ މަގުތަކުގައި އަނެއްކާވެސް ފެންބޮޑުވެއްޖެ

ވިއްސާރަވެ މާލޭގެ މަގުތަކުގައި އަނެއްކާވެސް ފެންބޮޑުވެއްޖެ

Author
ހުސައިން
09 އޭޕްރިލް 2025 11:41
0

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ފެން ހިންދުމުގެ މަސައްކަތް ކުރުމަށް ސިފައިން ވަނީ ނުކުމެފައެވެ.

މިއަދު ހެނދުނު 10:20 ހާއިރު މާލެއަށް ވާރޭވެހެން ފެށުމާއެކު، ގަޑިއިރެއް ނުވަނީސް މާލޭގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވާން ފަށައިފިއެވެ. އެމްއެންޑީއެފްއިން ވަނީ ހެނދުނު 10:54 ގައި ސޯޝަލް މީޑިއާގައި ޕޯސްޓުކޮށް، ފެން ހިންދުމަށާއި ވެލިބަސްތާ ޖެހުމަށް ސިފައިން ނުކުމެފައިވާ ކަމަށް ހާމަކޮށްފައެވެ.

އާންމު ގޮތެއްގައި ފެންބޮޑުވާ މާފަންނުގެ އެކި ސަރަހައްދުތަކުގައި މިއަދުވެސް ވަނީ ފެންބޮޑުވެފައެވެ. އައިޖީއެމްއެޗް، ވެސްޓް ޕާކު އަދި މާފަންނު ފެރީ ޓާމިނަލް ސަރަހައްދުން ފެން ހިންދުމުގެ މަސައްކަތް މިވަގުތު ކުރިއަށްދާ ކަމަށް ވަނީ ފާހަގަކުރެވިފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ މިއަދުން ފެށިގެން ކުރިއަށް އޮތް ދެ ދުވަހު މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައެވެ. މެޓް އޮފީހުން ހާމަކުރި ގޮތުގައި އެޕްރިލް 9، 10 އަދި 11 ވަނަ ދުވަހު މުޅި ރާއްޖެއަށް މޫސުން ގޯސްވެ، އޭޕްރީލް 12 ގައި ކެރީގެ އަސަރު ކުރާނެއެވެ. އޭގެ ފަހުން މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވެނީ އޭޕްރީލް 13 ވަނަ ދުވަހު ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.

ރާއްޖެއަށް މޫސުން ގޯސްވެފައިވާ ސަބަބެއް ކަމަށް މެޓް އޮފީހުން ފާހަގަކޮށްފައިވަނީ ބެންގާލްގައި އުޅޭ ލޯ ޕްރެޝާގެ ސަބަބުން އުފެދިފައިވާ ވިއްސާރަވިލާތަކެވެ. ބޯކޮށް ވާރޭވެހި، ގުގުރައި އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް، މިއަދު 15:30 އާ ހަމައަށް މެޓް އިން ވަނީ ކ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ވައިޓް އެލާޓް ނެރެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.