މާލެ ސިޓީގެ އަލިމަސް ކާނިވާ ސަރަހައްދުގައި ހުރި މިހާރުގެ ސްޓޭޖު ތަޅާލުމަށްފަހު، އަލަށް ތަރައްޤީކުރާ ޒަމާނީ ސްޓޭޖުގެ ކުރެހުން މާލެ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.
2004 ވަނަ އަހަރު މަޖީދިއްޔާ ސްކޫލަށް 75 އަހަރު ފުރުމާ ގުޅިގެން ހުޅުވުނު އަލިމަސް ކާނިވާ ސަރަހައްދު ވަރަށް ބޮޑަށް ބާވެފައިވުމާއެކު، މިދިޔަ އަހަރުގެ ޖުލައި މަހު ސިޓީ ކައުންސިލުން ވަނީ މި ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ނިންމާފައެވެ.
މާލެ ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި މިދިޔަ ހުކުރު ދުވަހު ވަނީ ސްޓޭޖުގެ މަސައްކަތް ކުރުމަށް ޔޫއެޗް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައެވެ. މި މަސައްކަތް ކުރުމަށް 4.8 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށާއި، 140 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
އަލަށް އަޅާ ސްޓޭޖުގެ ކުރެހުން ރޭ އާންމުކޮށް ދައްކާލުމާއެކު، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރައްވާފައިވަނީ ޒަމާންތަކެއް ވަންދެން ހަލާކުވެ ވީރާނާވާން ދޫކޮށްލާފައިވާ ސްޓޭޖު ދެން ފެންނާނީ އެންމެ ޒަމާނީ ފެންވަރުގެ ތަނެއްގެ ގޮތުގައި ކަމަށެވެ.
ސިޓީ ކައުންސިލުގެ މަޢުލޫމާތުން އެނގޭ ގޮތުގައި ކާނިވަލުގެ އާ ސްޓޭޖުގެ މަސައްކަތަކީ މާލޭގެ މޭޔަރުކަމާ އާޒިމް ހަވާލުވުމަށްފަހު، މިހާރުގެ ކައުންސިލުގެ ފްލޯއިން ފާސްކުރެވިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަސައްކަތެކެވެ.