މާލެ، 17 މާރިޗު 2025 – މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ޑެޕިއުޓީ ގަވަނަރު އަހުމަދު އިމާދު މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
މިއަދު މީޑިއާތަކަށް ދެއްވި ބަޔާނެއްގައި އިމާދު ވިދާޅުވެފައިވަނީ އިސްތިއުފާ ދެއްވަނީ "މިފަހުން [އެމްއެމްއޭ]ން ނިންމާފައިވާ ނިންމުންތަކަކީ އަޅުގަނޑުގެ ނަޒަރުގައި، މުއައްސަސާގެ އަސާސީ މަގުސަދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ނިންމާފައިވާ ނިންމުންތަކަކަށް ނުވާތީ" ކަމަށެވެ.
އިމާދުގެ އިސްތިއުފާއާ ގުޅޭކަމަށް ބެލެވެނީ މިފަހުން އެމްއެމްއޭގެ ބޯޑުން ހުޅުމާލޭގައި ފައިނޭންޝަލް ސެންޓަރެއް އެޅުމަށް ކަމަށް ބުނެ ހުޅުމާލެއިން 14 ބިލިއަން ރުފިޔާއަށް ބިމެއް ގަތުމަށް ނިންމި ނިންމުމެވެ. މި ނިންމުން ނިންމި ބައްދަލުވުމުގައި އިމާދު ބައިވެރިވެ ވަޑައެއް ނުގަންނަވައެވެ. އަދި އޭނާ ވަނީ އެ ނިންމުން މުރާޖައާކޮށްދިނުމަށް ބޯޑަށް ހުށަހަޅުއްވާފައެވެ.
ބޯޑުގައި މި ނިންމުން ފާސްކުރެވިފައިވަނީ ވޯޓު އެއްވަރުވުމުން އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ދެއްވި ވޯޓާ އެކުގައެވެ.
ފާހަގަކޮށްލެވޭ ކަމަކީ، އިމާދު މަގާމުން ވަކިކުރުމުގެ މަސައްކަތް ފެށުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިދިޔަ ހަފުތާ ވަނީ ފާސްކޮށްފައެވެ. އަދި މިއަދުގެ ޖަލްސާގައި އެ މަސައްކަތް ފަށާނެކަން ތަޅުމުގައި އިއުލާންކުރުމަށް ވަނީ އެޖެންޑާކޮށްފައެވެ.
މީގެ އިތުރުން، އިމާދު ވަކިކުރުމުގެ މަސައްކަތް މަޖިލީހުން ފެށުމާއެކު އެމްއެމްއޭގެ ސިސްޓަމްތަކަށް އޭނާއަށް ނުވަދެވޭ ގޮތް ވަނީ އެއްވެސް އެންގުމަކާ ނުލައި ހަދާފައެވެ.