ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މިދިޔަ 24 ގަޑިއިރު ތެރޭގައި އެންމެ ބޯކޮށް ވާރޭވެހިފައިވަނީ ހއ. ކެލާއަށްކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ހާމަކޮށްފިއެވެ. މިގޮތުން ކެލާއަށް 145.4 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ދެވަނައަށް އެންމެ ބޯކޮށް ވާރޭވެހިފައިވަނީ ހދ. ހަނިމާދޫއަށެވެ. އެ ރަށަށް 72.6 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.
ވިއްސާރައިގެ ސަބަބުން އުތުރާއި މެދު ރާއްޖެތެރެއަށްވެސް ބޯކޮށް ވާރޭވެހިފައިވާއިރު، ނ. މާފަރަށް 65.7 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. އަދި މ. މުއްޔަށްވެސް 58.8 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް މެޓް އޮފީހުގެ ހިސާބުތަކުން ދައްކައެވެ.
މާލޭ ސަރަހައްދަށް ބަލާއިރު އެންމެ ގިނައިން ވާރޭވެހިފައިވަނީ ހުޅުލެއަށެވެ. ހުޅުލެއަށް 62.9 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ވެރިރަށް މާލެއަށް 48.8 މިލިމީޓަރާއި ހުޅުމާލެއަށް 49.0 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.
މެޓް އޮފީހުން މިއަދުވެސް ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރެއަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށްފައިވެއެވެ. މި ސަރަހައްދުތަކަށް މެޓް އޮފީހުން ވަނީ ޔެލޯ އެލާޓް ނެރެފައެވެ.