މަޖިލީހުގެ މަސައްކަތްތަކުގެ ތަފްސީލް ދުވަހުން ދުވަހަށް އިޢުލާންކުރަނީ

މަޖިލީހުގެ މަސައްކަތްތަކުގެ ތަފްސީލް ދުވަހުން ދުވަހަށް އިޢުލާންކުރަނީ

ގުޅުންހުރި

ރައްޔިތުންގެ މަޖިލީހުގައި ކޮންމެ ދުވަހަކު ކުރާ ހުރިހާ މަސައްކަތްތަކެއްގެ ތަފްސީލް އެ ދުވަހެއްގެ ޖަލްސާގައި އިޢުލާން ކުރާނެ ކަމަށް މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މެންބަރުން ޖަލްސާތަކަށް ހާޒިރުވެވަޑައިނުގެން މުސާރަ ނަގާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އިއްޔެގެ ޖަލްސާގައި ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާގޮތް ރައްޔިތުންނަށް ހާމަވެފައި އޮތުމަކީ ކޮންމެހެން މުހިންމު ކަމުގައެވެ. އަދި އެކަން ހާމަކުރުމަކީ މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ބޭފުޅެއްގެ ޒިންމާއެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާގޮތް ރައްޔިތުންނަށް ހާމަވެފައި އޮތުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. އަދި އެކަން ހާމަކުރުމަކީ މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ބޭފުޅެއްގެ ޒިންމާއެކެވެ،" ރައީސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

މަޖިލީހުގެ ޖަލްސާތައް ވަގުތުން ފޮނުވާއިރު ތަޅުމުގައި މަދު މެންބަރުންތަކެއް ފެނުމުން، މެންބަރުން ޖަލްސާއަށް ވަޑައިނުގެން މުސާރަ ނަގާ ކަމަށް ރައްޔިތުން ހީކުރާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ނަމަވެސް މެންބަރުންގެ މަސައްކަތަކީ ހަމައެކަނި ޖަލްސާއަށް ހާޒިރުވުން ނޫންކަމަށާއި، ޖަލްސާ ހިނގަމުންދާއިރުވެސް ގިނަ މެންބަރުން ކޮމިޓީތަކުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ކަމަށް ވިދާޅުވިއެވެ.

އަދި މަޖިލީހުން ބިލެއް ބަލައިގަތުމަށްފަހު ކޮމިޓީ މަރުޙަލާގައި އެ ބިލު ދިރާސާކުރުމާއި، މަޢުލޫމާތު ހޯދަންޖެހޭ ފަރާތްތަކުން މަޢުލޫމާތު އެއްކުރުމުގެ އިތުރުން ސަރުކާރުގެ މުއައްސަސާތަކުން ހޯދަންޖެހޭ މަޢުލޫމާތު ހޯދުމަކީވެސް މެންބަރުން ކުރައްވާ ބުރަ މަސައްކަތެއް ކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެފަދަ މަސައްކަތްތަކަށް ހޭދަވާ ވަގުތުގައިވެސް މެންބަރުން ދަނީ އެ ބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރަމުން ކަމަށް މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ