ހުޅުމާލޭގައި ހުންނަ ރީހެބިލިޓޭޝަން ސެންޓަރުން މަސްތުވާތަކެތީގެ ފަރުވާ ނަގަމުން ދިޔަ ދެ މީހަކު އެ ތަނުން ފިލައިގެން މަސްތުވާތަކެތި ބޭނުންކުރަމުން ދަނިކޮށް ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ/ ކުރިބޯށިގެ، މުހައްމަދު ޒަރީރު (37 އަހަރު) އާއި ގ. ސެންޓުގެ އާގެ/ މުހައްމަދު އަލިމަނިކު (40 އަހަރު) އެވެ.
ކްރިމިނަލް ކޯޓުން ރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން، ދެ މީހުންގެ ހައްޔަރާއި ބަންދުގެ ޤާނޫނީ ލޮގު އޮތުމާއެކު، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ދެ މީހުންވެސް 15 ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި ފަރުވާ ނެގުމަށް ވަރަށް ގިނައިން ހުކުމް ކުރެވޭއިރު، ފަރުވާއަށް އެއްބާރުލުން ނުދޭ މައްސަލަތައް ވެސް ވަރަށް ބޮޑެވެ.
ނެޝެނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން މިދިޔަ ނޮވެމްބަރު މަހު ބުނެފައިވަނީ ފަރުވާއަށް އެއްބާރުލުން ނުދޭ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށެވެ. މި ހައްޔަރުކުރެވުނު ދެ ފަރާތަކީވެސް އެފަދަ ފިޔަވަޅެއްގެ ދަށުން ހައްޔަރުކުރެވުނު ފަރާތްތަކެއް ކަމަށް ބެލެވެއެވެ.
ކޮމެންޓު ފޮނުވާ