މިދިޔަ މަހު ފުލުހުންނަށް ރިޕޯޓްކުރެވުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓްކުރެވިފައިވަނީ މަގުމަތީ އެކްސިޑެންޓްތަކުގެ މައްސަލަތައްކަން ފުލުހުންގެ ފަރާތުން ޢާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިގޮތުން މިދިޔަ މަހު ޖުމްލަ 600 އަށްވުރެ ގިނަ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރެވިފައިވާއިރު، އޭގެ ތެރެއިން 177 މައްސަލައަކީ މަގުމަތީ އެކްސިޑެންޓްތަކުގެ މައްސަލަތަކެވެ. ދެވަނައަށް އެންމެ ގިނައިން ރިޕޯޓްކުރެވިފައިވަނީ ވައްކަމުގެ މައްސަލަތައް ކަމަށްވާއިރު، ވައްކަމުގެ 132 މައްސަލަ ރިޕޯޓްކުރެވިފައިވެއެވެ.
މީގެ އިތުރުން މަސްތުވާތަކެތީގެ 86 މައްސަލައާއި، މަކަރާއި ހީލަތުގެ 36 މައްސަލަ ފުލުހުންނަށް ރިޕޯޓްކުރެވިފައިވެއެވެ.
މިދިޔަ މަހު އެކްސިޑެންޓްތަކުގެ އަދަދު މައްޗަށް ޖެހިފައިވާއިރު، އައްޑޫސިޓީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 24 އަހަރުގެ ޒުވާނަކު ވަނީ މަރުވެފައެވެ. އެ ޒުވާނާއަށް ޞިއްޙީ ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވެފައިވަނީ ލިބުނު އަނިޔާތަކުގެ ސަބަބުންނެވެ.
ފުލުހުންގެ ފަރާތުން މީޑިއާއަށް ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، މިފަދަ އެކްސިޑެންޓްތައް އިތުރުވުމުގައި ބާރަށް އުޅަނދު ދުއްވުމާއި، ޓްރެފިކް ގަވާއިދާ ޚިލާފަށް އުޅަނދު ދުއްވުން ހިމެނެއެވެ. ފުލުހުން ވަނީ އެކްސިޑެންޓްތައް މަދުކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅާނެކަމަށް ވިދާޅުވެފައެވެ.