މާލޭ ސިޓީގެ ފެންބޮޑުވުމަށްފަހު 16,911 ޓަނުގެ ފެން ހިންދައިފި

މާލޭ ސިޓީގެ ފެންބޮޑުވުމަށްފަހު 16,911 ޓަނުގެ ފެން ހިންދައިފި

ގުޅުންހުރި

މާލެ، 2 މާރޗް 2025 – މާލޭގައި ބޯކޮށް ވެހުނު ވާރޭއާ ގުޅިގެން ފެންބޮޑުވެފައިވާ ސަރަހައްދުތަކުން 16,911 ޓަނުގެ ފެން ހިންދުމަށްފަހު، ހާލަތު އާންމު ހާލަތަށް ގެނެވުމާއެކު، އެމްއެންޑީއެފްއިން ފެން ހިންދުމުގެ މަސައްކަތް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

އެމްއެންޑީއެފްއިން މިއަދު ހެނދުނު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އިއްޔެއާއި ރޭ ކުރިއަށްގެންދެވުނު ފެން ހިންދުމުގެ އޮޕަރޭޝަނުގައި 16,911 ޓަނުގެ ފެން ހިންދާފައިވާ ކަމަށެވެ. އަދި ހާލަތު އާންމު ހާލަތަށް ގެނެވުމާއެކު ފެން ހިންދުމުގެ މަސައްކަތް ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.

ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެންހިންދުމުގައާއި ވެލި ބަސްތާ ޖެހުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސިފައިން ފެށީ އިއްޔެގެ އިރު އޮއްސުނު ވަގުތެވެ.

ސިފައިން ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި މާލޭގެ 131 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، 976 ވެލި ބަސްތާ ވަނީ ޖަހައިދީފައެވެ. މީގެ އިތުރުން ކ. ހުރާ، ކ. ގުރައިދޫ، ކ. ހިންމަފުށި، ކ. ތުލުސްދޫ، ކ. މާފުށި އަދި އދ. މާމިގިލީގައިވެސް ފެން ހިންދުމުގައި ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ.

އޮޕަރޭޝަން ކުރިއަށްދިޔަ ގޮތް ބެއްލެވުމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވަނީ މާލެ ސިޓީގެ ބައެއް ސަރަހައްދުތަކަށް ޒިޔާރަތްކުރައްވާފައެވެ.

މެޓް އޮފީހުން ބުނެފައިވަނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ އިރުމަތީގައި އުފެދުނު ސާކިއުލާއެއްގެ ސަބަބުން ކުރާ ވިއްސާރައެއް ކަމަށެވެ. އެ ސާކިއުލާ މިހާރު އުޅެނީ ހުޅަނގުގެ ހިސާބުތަކުގައި ކަމަށާއި ރާއްޖޭގެ ހުޅަނގުގެ ހިސާބުތަކަށް މާދަމާވެސް ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މި ވިއްސާރަ އަންނަ އަންގާރަ ދުވަހަށް އަލިވާނެ ކަމަށްވެސް މެޓް އޮފީހުން މަޢުލޫމާތު ދީފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ