މާލޭގައި ކަތިވަޅި ހިފައިގެން މާރާމާރީ ހިންގަން އުޅުނު 4 މީހަކު ފުލުހުން ހައްޔަރުކޮށް ކްރިމިނަލް ކޯޓުގެ އަމުރަކާއެކު ބަންދަށް ފޮނުވައިފިއެވެ.
ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި 18 އަހަރުގެ ދެ ފިރިހެނުންނާއި، 23 އަހަރުގެ ފިރިހެނަކާއި، 26 އަހަރުގެ ފިރިހެނެއް ހިމެނެއެވެ. ބަންދު އަމުރުތަކުން އެނގޭ ގޮތުގައި މި މީހުންގެ އަތުން ފުލުހުންނަށް ދެ ކަތިވަޅިއާއި ކަށިގަނޑެއް ފެނިފައިވެއެވެ.
މި މައްސަލަ ކޯޓަށް ހުށަހެޅުމުން ފުލުހުންގެ އިންވެސްޓިގޭޓިންގ އޮފިސަރު (އައިއޯ) ފާހަގަކުރެއްވީ، މިފަދަ މާރާމާރީގެ ކުށްތައް ހުއްޓުމެއްނެތި ތަކުރާރުވަމުންދާ ކަމަށާއި، މީގެ ސަބަބުން މުޖުތަމަޢުގެ ކޮންމެ މީހަކަށްވެސް ބޮޑެތި އަނިޔާތައް ލިބިދާނެކަމުގެ ބިރު އޮތް ކަމަށެވެ.
އައިއޯ އިތުރަށް ފާހަގަކުރެއްވީ، ހައްޔަރުކުރެވުނު ބައެއް މީހުންނަކީ މީގެ ކުރިންވެސް މިފަދަ މާރާމާރީތަކުގައި އަމަލީގޮތުން ބައިވެރިވެފައިވާ ބައެއްކަމަށެވެ.
ކޯޓުން ނިންމެވީ، މިމައްސަލައިގެ ބާވަތަށާއި، ހެކިތަކުގެ ބުރަދަނަށް ބެއްލެވުމަށްފަހު، ހައްޔަރުކުރެވުނު 4 މީހުން އިތުރަށް ތަޙުޤީޤަށް ބަންދުގައި ބަހައްޓަން އަމުރުކުރުމަށެވެ.