އިކްރާމްގެ މައްސަލަ އޮއްބާނުލައި ތަހުގީގު ކުރުމަށް އިދިކޮޅުން ގޮވާލައިފި

އިކްރާމްގެ މައްސަލަ އޮއްބާނުލައި ތަހުގީގު ކުރުމަށް އިދިކޮޅުން ގޮވާލައިފި

Author
މުޙައްމަދު ޝަޒައިމް
10 އޮކްޓޯބަރ 2020 03:10
0

ރެއިޑް ރެސްޕޮންސް ޓީމްގެ މެމްބަރަކަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ޙަސަން ދިން ޙަމަލާ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް، އެކަން ތަޙްޤީޤުކުރުމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީން ގޮވާލައިފި އެވެ.

އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ އެހެން ފަރާތްތަކަށް ނަމޫނާ ދައްކަންޖެހޭ އަދި ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ޒިންމާ މަތިކޮށްފައިވާ ފަރާތައްވާއިރު މެމްބަރު އިކްރާމް ޙަސަންގެ ފަރާތުން ފެނިގެން މިދިޔައީ ވަރަށް ދަށުދަރަޖައިގެ ޢަމަލެއްކަމަށެވެ.

މީގެ އިތުރުން އަންހެނަކަށް ޙަލަމާދީ ހަޑި ހުތުރު ބަހުން މުޢާމަލާތު ކުރުމަކީ ބާރުވެރިކުރުމާއި އަންހެނުންނަށް ރައްކާތެރިކަން ދިނުމަށް ރާއްޖޭގައާއި ބައިނަލްއަޤްވާމީ ގޮތުން ހެދިފައިވާ ޤާނޫނުތަކާ މުޢާހަދާތަކާވެސް ޚިލާފު ވަރަށް ހަޑިމުޑުދާރު ޢަމަލެއްކަމަށެވެ.

"އަންހެނުން ފްރޮންޓްލައިންގައި މަސައްކަތް ކުރައްވާ ފަރާތްތަކުން އެކުރައްވަނީ ޤައުމީ މަސައްކަތެއް. އެފަރާތްތަކުން ރެއާ ދުވާލު ޢާއިލާތަކާ ދުރުގައި، އަދި ފުރާނަ އަތްމައްޗަށް ލައިގެން ރައްޔިތުންނަށް ކޮށްދެއްވާ ޤައުމީ ޚިދުމަތަކީ އަގުކުރެވޭނެ ޚިދުމަތެއް ނޫން" އިދިކޮޅު ބަޔާނުގައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވުމަކީ އެފަރާތްތަކާމެދު މިފަދަ ދަށު ދަރަޖައިގެ ޢަމަލު ހިންގުމަށް އިމްތިޔާޒު ލިބޭ ކަމެއް ނޫންކަމަށް މިބަޔާނުގައިވެ އެވެ. އަދި ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްވެސް އިދިކޮޅު ކޯލިޝަނުން ވަނީ ގޮވާލާފަ އެވެ.

މިހާދިސާއާއި ގުޅިގެން މެމްބަރު އިކްރާމްގެ އަމިއްލަ ފޭސްބުކް ޕޭޖުގައި ވިދާޅުވީ ސާމްޕަލް ނަގަން ހުރި ކުއްޖާއަށް އަނިޔާއެއްކޮށް މާރާ މަރީ ހިންގަފައި ނުވާނެކަމަށެވެ. ކޯވިޑްގެ ސާމްޕަލް ނެގުމަށް ރޭ އިކްރާމް މާފަންނު މަދަރުސާއަށް ވަޑައިގެން ސާމްޕަލް ނެގުމުގައި ދިމާވި ކަންތައްތަކާއި ގުޅިގެން މީޑީޔާތަކުގައި ދައްކާ ވާހަތައް ދޮގުކޮށް އިކުރާމް ވިދާޅުވީ އެތަނުގައި ކެމެރާހުރިނަމަ ކެމެރާބައްލަވައި ލައްވައިފިނަމަ އެކަން ހިނގާދިޔަގޮތް އެގޭނެކަމަށެވެ.

އިކްރާމް ވިދާޅުވީ މީގެ ކުރިން އައިޖީއެމް އެޗްއިން ވެސް ޕީސީއާރު ޓެސްޓް ހަދާފައިވާކަމަށެވެ. ނަމަވެސް ވަރަށް އޯގާތެރިކަމާއިއެކު ތަކުލީފެއް ނުވާގޮތަށް އައިޖީއެޗް އިން އެކަން ކޮށްދިންކަމަށެވެ. މިހާތަނަށް މާރާމާރީގެ މައްސަލައެއްގައި ޕޮލިސް ރެކޯޑެއް ނޯންނާނެކަމަށެވެ. އަދި އެއަށްވުރެ އޯގާތެރިކަމާއިއެކު ޕީސީއާރު ޓެސްޓް ނެގޭނެކަމަށް އިކްރާމް ވިދާޅު ވިއެވެ.

ރޭމާފަންނު މަދަރުސާގައި ކޯވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގަން އުޅުމުގެ ތެރޭގައި ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން އެމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާކަމަށާއި، މިމައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަމުންދާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.