އުރީދޫގެ ޑިރެކްޓަރުންގެ ބޯޑުން އިއްޔެ ބޭއްވި ޖަލްސާގައި، މިދިޔަ އަހަރު ކުންފުންޏަށް ލިބުނު ސާފު ފައިދާއިން ހިއްސާދާރުންނަށް ކޮންމެ ހިއްސާއަކަށް 3.43 ރުފިޔާ ބެހުމަށް ހުށަހެޅުމަށް ނިންމައިފިއެވެ. މި ހުށަހެޅުން ކުރިއަށް ގެންދާނީ އަންނަ މާޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާ (އޭޖީއެމް) ގައެވެ.
މި ޖަލްސާގައި ހިއްސާގެ ފައިދާގެ އިތުރުން، މިދިޔަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި އަހަރީ ރިޕޯޓުވެސް ވަނީ ފާސްކޮށްފައެވެ. މިދިޔަ އަހަރުގެ ހިއްސާގެ ފައިދާ ލިބޭނީ މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރުފަހު 2 އާ ހަމައަށް އުރީދޫ މޯލްޑިވްސްގެ ހިއްސާދާރުންގެ ގޮތުގައި ތިބި ފަރާތްތަކަށެވެ. އަދި އޭޖީއެމްގައި ހިއްސާދާރުން މި ޑިވިޑެންޑް ފާސްކޮށްފިނަމަ، އަންނަ މާޗު މަހު ޑިވިޑެންޑް ބެހުމުގެ މަސައްކަތް ފެށޭނެއެވެ.
އުރީދޫން މައުލޫމާތު ދީފައިވާ ގޮތުގައި، ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ މިދިޔަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި އަހަރީ ރިޕޯޓު މި މަހުގެ 21 ގެ ކުރިން އާންމުކޮށް ޝާއިއުކުރާނެއެވެ. އަދި އަންނަ މާޗު މަހު ބާއްވާ ޖަލްސާގެ ނޯޓިސް އަދި އެޖެންޑާ މި މަހުގެ 22 ގައި ކުންފުނީގެ ވެބްސައިޓުގައި ޝާއިއުކުރާނެއެވެ. މި ނޯޓިހުގައި ޖަލްސާ ބާއްވާނެ ތާރީޚާއި، ގަޑިއާއި، ތަނާއި، އެޖެންޑާ އައިޓަމްތަކާއި، ވޯޓުލުމާ ގުޅޭ އިތުރު މައުލޫމާތު ހިމެނޭނެއެވެ.
ހިއްސާދާރުންނަށް މި އާންމު ޖަލްސާގައި އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވެ، ފާސްކުރުމަށް ހުށަހަޅާފައިވާ ކަންކަމަށް ވޯޓު ދެވޭނެއެވެ.