ކޮރަޕްޝަނަށް އެއްވެސް ފުރުސަތެއް ނުދޭނެ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުންތަކުން ސާފު ކަމަށް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.
"ބިންވެރިޔާ" ސްކީމްގެ ދަށުން ހައްގު ނޫން ބަޔަކަށް ގޯތިތަކެއް ދީފައިވާ މައްސަލަ ފެންމަތިވުމާ ގުޅިގެން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އާއި އެ ކުންފުނީގެ ހުރިހާ ބޯޑު މެމްބަރުން ވަނީ ސަސްޕެންޑްކޮށްފައެވެ. އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން ވެސް ވަނީ ފަށައިފައެވެ.
އެޗްޑީސީން ސަސްޕެންޑް ނުކުރަނީ ކުންފުނީގެ ޗެއާމަން އަހްމަދު ނާސިފެވެ. އޭނާއަކީ މި ފަހުން އެ މަގާމަށް އައްޔަން ކުރެއްވި ބޭފުޅެކެވެ.
ފަޒުލްގެ އިތުރުން އޭނާގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ވެސް ވަނީ ސަސްޕެންޑްކޮށްފައެވެ. ގޯތި ލިބުނު މީހުންގެ ތެރޭގައި ފަޒީލް ހިމެނެއެވެ. އެކަމަކު، އޭނާއަކީ "ބިންވެރިޔާ" ސްކީމްގެ ދަށުން ގޯއްޗަށް ޝަރުތު ހަމަވާ މީހެއް ނޫނެވެ.
އާދަމް ޝަރީފް "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ކޮރަޕްޝަނަށް އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަން ރައީސްގެ ނިންމެވުންތަކުން ސާފުވާ ކަމަށެވެ. ރައްޔިތުންގެ ހައްގަކަށް އުނިކަމެއް ލިބޭނެ އެއްވެސް ކަމެއް ރައީސް ޑރ. މުއިއްޒަށް އެނގިވަޑައިގެން ހިންގިޔަ ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެ ޔަގީންކަން އެބައޮތް." އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ރާއްޖެ އިން ކޮރަޕްޝަން މަދު ކުރެވޭނީ ކޮރަޕްޝަނަށް މަގުފަހިވާ ކޮންމެ ކަމަކަށް ހުރިހާ މުއައްސަސާތަކަކުންނާއި އާންމު ރައްޔިތުން ވެސް ނޫނެކޭ ބުނެގެންނެވެ. އެ ހިތްވަރު އެންމެންގެ ހުންނަން ވާނެ ކަމުގައި އާދަމް ޝަރީފް ވިދާޅުވިއެވެ.
ފަޒުލް ވިދާޅުވީ އޭނާގެ ބޭބެ އާއި އިތުރު މީހަކަށް ގޯތި ދިން މައްސަލަތަކެއް ފާހަގަވީ ގޯތިތަކުގެ ވަށައި ފާރު ރޭނުމުގެ ހުއްދައަށް އެދި އެޗްޑީސީއަށް ހުށަހެޅުމުން، އެ ރެޖިސްޓްރީތައް ވެރިފައި ކުރުމަށް ހައުސިން މިނިސްޓްރީ އަށް ފޮނުވުމުން ކަމަށެވެ. އަދި ވަކި ބަޔަކަށް ގޯތި ދިނުމަށް އެޗްޑީސީން އަދާކުރި ރޯލެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފަޒުލް ވިދާޅުވީ، ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވަނީސް އޭނާގެ ބޭބެ ފަޒީން ޝަރުތު ހަމަވާ ކަމަށް ހަދައި ރަޖިސްޓްރީއެއް ހެދުމަކީ އިއްތިފާގެއް ކަމަށާއި އެކަމަކު އެ މައްސަލަ ހައުސިން މިނިސްޓްރީގެ ސަމާލުކަމަށް ވެސް ގެނައީ އެޗްޑީސީން ކަމަށެވެ.